އުމުރުން ދުވަސްވުން ހުއްޓުވުމަށް ބޭނުންކުރާ އިންޖެކްޝަނެއް ތައްޔާރުކުރުމަށްޓަކައި، ހޮސްޕިޓަލްތަކުން އިންސާނުންގެ މަސް (ޕްލެސެންޓާ) ވަގަށް ބޭރުކުރާ ކަމަށް ތުހުމަތުކުރެވޭ ނެޓްވޯކެއްގެ މައްސަލަ ޕާކިސްތާނުން ތަހުގީގު ކުރަން ފަށައިފި އެވެ
ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ތުހުމަތުކުރާ ގޮތުގައި މި ގްރޫޕުން އެކި ހޮސްޕިޓަލްތަކުން މަހަކު 200 ކިލޯގެ އިންސާނުންގެ ޕްލެސެންޓާ ގަނެ އެވެ. އަދި އެ ތަކެތި ޕާކިސްތާނުން ބޭރަށް ފޮނުވުމުގެ ކުރިން ޕްލެސެންޓާ ހިއްކައި ޕްރޮސެސް ކުރާ ކަމަށްވެ އެވެ.
ނިމިދިޔަ ހަފުތާގައި އިސްލާމްއާބާދުގައި ހިންގި ރޭޑެއްގައި، ގަވާއިދާ ހިލާފަށް ހިންގާ ޕްރޮސެސްކުރާ މަރުކަޒަކުން އިންސާނީ ޕްލެސެންޓާ ކަމަށް ބެލެވޭ 500 ކިލޯގެ ތަކެތި ފެނިފައިވާއިރު، މި މައްސަލައިގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ އެޖެންސީން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އިންސާނީ ޕްލެސެންޓާތައް ކަމަށް ބެލެވޭ ތަކެތި ހިއްކައި އަތުރާފައި ހުރީ ޓްރޮލީތަކެއްގައެވެ.
މީގެ އިތުރުން، ބުދަ ދުވަހު އިސްލާމްއާބާދު އެއާޕޯޓުން ވިއެޓްނާމަށް ފޮނުވަން އުޅުނު 100 ކިލޯގެ އިންސާނީ ޕްލެސެންޓާ އެފްއައިއޭގެ އޮފިޝަލުން ވަނީ އަތުލައިގެންފަ އެވެ.
ޕާކިސްތާނުގެ ހިއުމަން އޯގަން ޓްރާންސްޕްލާންޓް އޮތޯރިޓީގެ އޮފިސަރެއް ކަމަށްވާ ހީނާ ކަންވަލް ވިދާޅުވި ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުން ހައްޔަރުކުރި އިރު، އެ މީހުން ފުރަތަމަ ބުނެފައިވަނީ އެއީ ކާ މަސް ކަމަށެވެ. ނަމަވެސް އިތުރަށް ސުވާލުކުރުމުން އެއީ ޕްލެސެންޓާ ކަމަށް އެ މީހުން އިއުތިރާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ހީނާ އިތުރަށް ވިދާޅުވީ، އިސްލާމްއާބާދާއި ރާވަލްޕިންޑީގެ ހޮސްޕިޓަލްތަކުން އެ މީހުން ޕްލެސެންޓާ ގަނެފައިވަނީ އެތިކޮޅެއް ގާތްގަނޑަކަށް 800 ރޫޕީސް (2.90 ޑޮލަރު) އަށް ކަމަށެވެ. ނަމަވެސް މި ތަކެތި ބޭރަށް ފޮނުވައިގެން ތައްޔާރުކުރަން އުޅޭ މުސްކުޅިވުން ހުއްޓުވައިދޭ ކޮންމެ އިންޖެކްޝަނެއްގެ އަގު 700,000 ރޫޕީސް (2,530 ޑޮލަރު) އަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެޖެންސީން ގަބޫލުކުރާ ގޮތުގައި މި ނެޓްވޯކްގެ މަސައްކަތްތައް ވެރިރަށުގެ އިތުރުން ލާހޯރު، ޕެޝާވަރު އަދި ރާވަލްޕިންޑީ ފަދަ ބޮޑެތި ސިޓީތަކަށް ވެސް ފެތުރިފައިވެ އެވެ. އަދި މިކަމުގައި އިމިގްރޭޝަން އޮފިސަރުންނާއި ކުނި މެނޭޖްކުރާ ކުންފުނިތަކާއި ހޮސްޕިޓަލްތަކުގެ ބައިވެރިވުން އޮތްތޯވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ޕާކިސްތާނުގައި ވިޔަފާރީގެ ބޭނުމަށް އިންސާނީ ގުނަވަންތައް ނަގައި ހަދާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން 10 އަހަރާ ހަމައަށް ޖަލަށް ލުމާއެކު އެއް މިލިއަން ރޫޕީސްއާ ހަމައަށް ޖޫރިމަނާ ކުރެ އެވެ.


