އެމެރިކާގެ ގުޅުމަށް ބޮޑު އަހަންމިއްޔަތުކަމެއް ދެން، ގުޅުން ބަދަހިކުރާނަން: ރައީސް މުއިއްޒު

ރައީސް މުއިއްޒާއި އެމެރިކާގެ ރައީސް ޓްރަމްޕް ---

އެމެރިކާއާއެކު އޮންނަ ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭ ކަމަށާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، އެ މަނިކުފާނު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ސިޓީފުޅުގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ އެ ސިޓީފުޅުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުވެސް މި އަހަރާ ދިމާވުމާއެކު، މިއީ ދެ ގައުމަށްވެސް ވަރަށް ހާއްސަ އަހަރެއްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.

އަދި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުމާއި ދެމެހެއްޓެނިވި ރަޙުމަތްތެރިކަމާއި ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުންކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ސަލާމަތާއި ދިފާއީ ރޮނގުންނާއި ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާއި ތައުލީމީ ދާއިރާގެ އިތުރުން، ރާއްޖެ އާއި އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަހުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.