ވޯލްޑް
ކަޕް

ކެނެޑާއަށް ނިމުން، މޮރޮކޯގެ ވަރުގަދަ ކުޅުމާއެކު ކުއާޓާއަށް

ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ކެނެޑާ ބަލިކޮށް، މޮރޮކޯއިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ނޮކްއައުޓް ބުރުގައި އަލަށް ވާދަކުރާ ކެނެޑާގެ މައްޗަށް މޮރޮކޯއިން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ކެނެޑާގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއް ފެނިގެންދިޔަ އިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. އެގޮތުން ޓަނީ އޮލުވާޝޭއަށް ލިބުނު ހުސް ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ، މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މޮރޮކޯއިން ވަނީ ކެނެޑާއިން ދައްކަމުންދިޔަ އެޓޭކިން ކުޅުމަށް ހުރަސް އަޅައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި މޮރޮކޯ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މޮރޮކޯގެ އަޝްރަފް ހަކީމީ، ހިލޭ ޖެހުމެއްގެ ތެރެއިން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ކެނެޑާގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޒެދީން އުނާހީއެވެ.

މެޗުގައި ކެނެޑާއިން މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މޮރޮކޯއިން ވަނީ ލީޑު ފުޅާކޮށްފައެވެ. އެ ގޯލު މޮރޮކޯއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އަޒެދީން އުނާހީއެވެ. ބްރަހިމް ޑިއާޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އުނާހީ ވަނީ ކެނެޑާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް މޮރޮކޯއިން ގޯލެއް ޖެހިއެވެ. ބްރަހިމް ޑިއާޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކެނެޑާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މޮރޮކޯގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ސުފިއާން ރަހީމީ އެވެ.