ވޯލްޑް
ކަޕް

އުނދަގޫ މޮޅަކާއެކު ފްރާންސް ކުއާޓާއަށް 

ޕެރަގުއާއީ ކޮޅަށް ގޯލު ޖެހުމަށްފަހު ފްރާންސް ކެޕްޓަން އެމްބާޕޭ އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޕެރަގުއާއީ ބަލިކޮށް، ފްރާންސުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ޕެރަގުއާއީގެ މައްޗަށް ވަރުގަދަ ފްރާންސުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ވަރުގަދަ އެޓޭކެއް ފެނިގެންދިޔަ ނަމަވެސް، އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރެވިފައެއް ނުވެއެވެ. ޕެރަގުއާއީގެ ޑިފެންސް ވަރުގަދަކަމުން، ފްރާންސްގެ ވަރުގަދަ އެޓޭކަރުންނަށް އެކަމުގެ އުނދަގޫތައް ކުރިމަތިވިއެވެ.

ޕެރަގުއާއީގެ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާ ނުކުރެވުމުން، ފްރާންސް މިޑްފީލްޑުން ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ނުރައްކާކުރުމަށް ވެސް މަސައްކަތްކުރިއެވެ. ނަމަވެސް ޕެރަގުއާއީގެ ކީޕަރު އޯލެންޑޯ ހިލްއަށް މާބޮޑު ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ފްރާންސަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ކެޕްޓަން ކިލިއަން އެމްބާޕޭ އާއި އުސްމާާން ޑެމްބެލޭއަށް ލިބުނު ފުރުސަތުތަކެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ އެމްބާޕޭ ނުރައްކާކުރުމުުގެ ފަހަތުން އައިސް، ޕެރަގުއާއީ ޑިފެންޑަރު ކަސެރޭސް ދިފާއުކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްބެލޭ ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މަސައްކަތްތަކަށްފަހު ފްރާންސުން ލީޑު ހޯދީ މެޗުގެ 70 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީއަކުންނެވެ. ވީއޭއާރްއަށް ބެލުމަށްފަހު ފްރާންސަށް ރެފްރީ އެ ޕަނަލްޓީ ދިނީ ޕެނަލްޓީ އޭރިއާ ތެރެއިން ޑިޒައިރޭ ޑުއޭއަށް ގޮމޭޒް ކުރި ފައުލަކާ ގުޅިގްނެނެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ފްރާންސަށް ލީޑު ފުޅާކޮށްލުމަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ދެ ހަމަލާ ވެސް ޕެރަގުއާއީ ކީޕަރު ހިލް ވަނީ މަތަކޮށްފައެވެ.

ކުއާޓާ ފައިނަލުގައި ފްރާންސް ނުކުންނަން ޖެހޭނީ އެފްރިކާ ޗެމްޕިއަން މޮރޮކޯއާ ދެކޮޅަށެވެ.