ޑުރަގުގެ ވަބާއަކީ ރާއްޖެއަށް ފާއިތުވި އެތައް އަހަރުތަކެއްގައި ކުރިމަތިވެފައިވާ ބޮޑު ވަބާއެއް ކަމަށާއި އޭގެ ނަތީޖާ ޖީލުތަކަކަށް ދެމިގެންގޮސް، އެތައް ޒުވާނުންނެއްގެ ގާބިލުކަން ވަނީ ގެއްލިފައި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސީޕީ އެހެން ވިދާޅުވީ،އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒް (ޔޫއެންއޯޑީސީ)ގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ޑުރަގް ތަހުލީލުކުރުމަށް ބޭނުންކުރާ 150 ”ފީލްޑް ޓެސްޓިން ކިޓް“ ހަދިޔާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ، ޑުރަގް އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު ކަމަށެވެ. އަދި ޑުރަގުގެ ވިއުގަތައް ރޫޅާލުމަށްޓަކައި ބައިނަލްއަގުވާމީ ގުޅުންތަކާއި އެކަމަށް ތަމްރީނުވެފައިވާ އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން ބޮޑު ކަމަށް ވިދާޅުވި އެވެ.
ޔޫއެންއޯޑީސީ މެދުވެރިކޮށް ރާއްޖެއަށް ހަދިޔާކުރި ޑުރަގް ޓެސްޓް ކިޓްތަކަކީ ފުލުހުން ބުނި ގޮތުގައި ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެއްޗެވެ. އަދި މި ކިޓްތަކުގެ އެހީގައި، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، ޑުރަގް ކަމަށް ޝައްކުކުރެވޭ ބާވަތްތަކާއި ކެމިކަލްތައް އެ ވަގުތުން ވަގުތަށް ދެނެގަނެވޭނެ އެވެ.


