ވޯލްޑް
ކަޕް

އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަނުގެ މާލީ މުއާމަލާތްތައް އެފްބީއައި އިން ތަހުގީގުކުރަނީ

އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ -- ފޮޓޯ: ރޮއިޓާސް

ފީފާ ވޯލްޑް ކަޕް 2026 ކުރިއަށްދާ ދަނޑިވަޅުގައި އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ 300 މިލިއަން ޑޮލަރަށް ވުރެ އަގުހުރި ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކާ ގުޅޭ ތަހުގީގެއް އެފްބީއައި އިން ފަށައިފިއެވެ.

އެފްބީއައިގެ އެޖެންޓުންނާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ޕްރޮސެކިއުޓަރުން ވަނީ މިއާމީގައި ވިޔަފާރިވެރިޔާ ގިޔެރްމޯ ޓޮފޯނީއާ ދެ ގަޑިއިރަށްވުރެ ދިގު ބައްދަލުވުމެއް ބާއްވައިފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އޭއެފްއޭ އިން ބައިނަލްއަގުވާމީ ވިޔަފާރީގެ އެއްބަސްވުންތައް ރޭވި ގޮތާއި، އެމެރިކާގެ ބޭންކުތަކާއި ކުންފުނިތައް ބޭނުންކޮށްގެން ހިންގި މުއާމަލާތްތަކުން އެމެރިކާގެ ގާނޫނާ ހިލާފުވެފައިވާތޯ ބެލުމާ ގުޅޭގޮތުންނެވެ.

ޓޮފޯނީގެ ހެކިބަސް ވެގެން ގޮސްފައިވަނީ މި ތަހުގީގުގެ ފުރަތަމަ މުހިންމު ކުރިއެރުމަކަށެވެ. ތަހުގީގުކުރާ ފަރާތްތަކުން މަސައްކަތްކުރަމުން ދަނީ އޭއެފްއޭގެ ބައިނަލްއަގުވާމީ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިފައިވާ ފައިސާގެ ދައުރުވުން ދެނެގަތުމަށާއި، އެއްވެސް ގަވާއިދާ ހިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށެވެ.

އޭއެފްއޭގެ ރައީސް ކްލައުޑިއޯ ޓާޕިއާ މިވަގުތު ހުންނެވީ ވޯލްޑް ކަޕް މުބާރާތަށް ގައުމީ ޓީމާއެކު އެމެރިކާގައެވެ. އާޖެންޓީނާގެ ކޯޓުތަކުން ވަނީ 19 ބިލިއަން އާޖެންޓީނާ ޕެސޯއަށް ވުރެ ބޮޑު ޓެކްސް އަދި ސޯޝަލް ސެކިއުރިޓީ ފައިސާ ނަހަމަ ގޮތުގައި ބެލެހެއްޓި ކަމުގެ ދައުވާ އެ ގައުމުގައި ކުރިމަތިވެފައިވީ ނަމަވެސް، ދަތުރުކުރުމުގެ ހުއްދަ ދީފައެވެ.

މި ހިސާބަށް އައިއިރު އެމެރިކާގައި ރަސްމީ ދައުވާއެއް އުފުލައިފައެއް ނުވެއެވެ. ޖިނާއީ މައްސަލައެއް ކުރިއަށް ގެންދެވޭ ވަރަށް ހެކި ލިބިފައިވޭތޯ ބެލުމުގެ މަރުހަލާގައި ތަހުގީގު ދެމިއޮތީއެވެ.

މި ވޯލްޑް ކަޕްގެ ގަދަ 16 ގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވަނީ މިސްރު އަތުން 3-2 އިން މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ ކުއާޓާގައި އާޖެންޓީނާ ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.