ވޯލްޑް
ކަޕް

ފުޓުބޯޅައިން ގެނެސްދޭންވީ އެއްބައިވަންތަކަން: ޔަމާލް

ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް -- ފޮޓޯ: ރޮއިޓާސް

ފުޓުބޯޅައިގެ އަސްލު މަގުސަދަކީ މީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އެއްބައިވަންތަކަން ގާއިމުކުރުން ކަމަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ.

ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން އެމެރިކާގެ ޑަލަސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔަމާލް މިހެން ބުނީ، ފްރާންސް ޓީމުގެ ކުޅުންތެރިންގެ ނަސްލާ ގުޅޭގޮތުން ސްޕެއިންގެ ކުރީގެ ބޮޑުވަޒީރު މަރިއާނޯ ރާޖޯއީ ދެއްކެވި ހިލާފު އުފެދޭ ވާހަކަތަކަށް ރައްދު ދެމުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި ފުޓުބޯޅައަކީ ތަފާތުކުރުންތަކެއް ނެތި އެންމެން ބައިވެރިކުރުމުގެ ނަމޫނާ ދައްކައިދޭ ކުޅިވަރެކެވެ.

މޮރޮކޯ އާއި އިކުއެޓޯރިއަލް ގިނީގެ ނަސްލަށް ނިސްބަތްވާ ޔަމާލް ބުނީ، ފްރާންސާއި ސްޕެއިނަކީ ވެސް މީހުން ބައިވެރިކުރުމުގެ ރަނގަޅު މިސާލުތަކެއް ކަމަށެވެ. ”މާދަމާ އަހަރެމެން ކުޅޭނީ ވަރަށް މުހިންމު މެޗެއް، އެކަމަކު ފުޓުބޯޅައިގެ ބޭނުމަކީ މީހުން އެއްބައިވަންތަކުރުން،“ އޭނާ ބުންޏެވެ. އަދި އެހެން މީހުން ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ކުޅިވަރުގެ ރޫހަކީ އެކުވެރިކަން ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އުމުރުން 19 އަހަރު ފުރުނު ދުވަހު ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ޔަމާލް ބުނީ، ކުރިއަށް އޮތް ސެމީ ފައިނަލް މެޗަކީ އޭނާގެ ހަޔާތުގައި ކުޅޭނެ އެންމެ މުހިންމު މެޗު ކަމަށެވެ. މި މުބާރާތުގައި މިހާތަނަށް އޭނާއަށް ޖެހިފައިވަނީ އެންމެ ގޯލެއް ނަމަވެސް، އަމިއްލަ ރެކޯޑުތަކަށްވުރެ ބޮޑަށް ޓީމު މޮޅުވުމަށް އިސްކަންދޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސްޕެއިނާއި ފްރާންސް ބައްދަލުކުރާ މި ފޯރިގަދަ މެޗަކީ ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެންނާނެ މެޗެއް ކަމަށް ޔަމާލް އުންމީދު ކުރެއެވެ. އޭނާ ބުނީ ދެ ޓީމަކީ ވެސް އެޓޭކް ކުރުމާއި ޑިފެންސް ކުރުމުގައި ވަރުގަދަ ދެ ޓީމު ކަމަށެވެ.

ވޯލްޑް ކަޕް 2026 ގައި ފްރާންސާއި ސްޕެއިން ބައްދަލުކުރާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.