ހއ. ހޯރަފުށީގައި ހުންނަ ކުށްކުރާ ކުދިން އިސްލާހުކުރާ މަރުކަޒުގައި ތިބި ތިން ކުއްޖަކު އެތަނުން ނުކުމެ, އެ ރަށު މީހަކަށް ހަމަލާދީ, މާރާމާރީ ހިންގި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، އެ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެނީ އެ މަރުކަޒުގެ ތިން ކުއްޖަކު ކަމަށެވެ. އަދި އެ ހާދިސާއާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު އަސްފާމް މީޑިއާތަކަށް ވިދާޅުވި ގޮތުގައި އެ ކުދިން ހަމަލާދިނީ މަރުކަޒުގެ ކުރިމައްޗަށް އޮންނަ އަތިރިމަތީގައި މަސްބާނަން ހުރި 30 އަހަރުގެ މީހަކަށް ކަމަށެވެ. އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށާއި ހާލު ސީރިއަސް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މިހާރު ވަނީ އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ހާދިސާއާ ގުޅިގެން ހޯރަފުށީގެ ރައްޔިތުން ރޭ ވަނީ މަރުކަޒު ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ. އޭރު ހަމަލާދިން ކަމަށް ތުހުމަތުވާ ކުދިން މަރުކަޒުގެ ފާރުމަތީ ތިބެ ހުތުރު ބަހުން ވާހަކަދައްކައި، ހުތުރު އިޝާރާތްތައް ކުރާތީ ފެނެ އެވެ.


