އަލަތު ކައިވެނީގެ ވަލީމާ ބާއްވަން މާލޭން ހިލޭ ޖާގަ ހަމަޖައްސައިދިނުމުގެ ކަންކަން ދިރާސާކުރަން މާލެ ސިޓީ ކައުންސިލުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
ފުރަތަމަ ފަހަރަށް ކައިވެނިކުރާ މީހުންގެ ކައިވެނީގެ ހަފުލާ ބާއްވަން ހިލޭ ޖާގަ ހަމަޖައްސައިދިނުމަކީ މޭޔަރު އާދަމް އާޒިމާއި ބައެއް ކައުންސިލަރުންގެ ކެމްޕެއިން ވައުދެކެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ އަށްވަނަ ރަސްމީ އާންމު ޖަލްސާގައި އެކަން ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބެވެ.
މި މައްސަލައަކީ ބަޖެޓާ ގުޅުންހުރި ކަމަކަށްވާތީ މޭޔަރު އާދަމް އާޒިމް ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް، ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ފޮނުވައިފަ އެވެ. މީގެ އިތުރުން ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީ ގުޅިގެން، ދެ ފަރާތުން ވާހަކަދައްކައިގެން ގޮތެއް ނިންމުމަށް ވެސް ހަމަޖެއްސި އެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށް ޓަކައި، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް މިކަން ވަނީ ތާވަލުކޮށްފަ އެވެ.


