ތިން މަސްތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 ޕަސެންޓަށް މަދުކުރަން އަންގައިފި 

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމައި އެކަން ކުންފުނިތަކަށް އަންގައިފިއެވެ.

ޕީސީބީ އިން މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން އަންގައިފައިވެއެވެ. އަދި މިމަހު 13 ވަނަ ދުވަހު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެއަށް އަމަލުކޮށް ނިންމަން އަންގާފައިވެއެވެ.

އެ ނިންމުމާ މެދު ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށްޓަކައި ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށާއި ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ޕީސީބީން ބުނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ދައުލަތުގެ ހުރިހާ ތަންތަނަކުން ވެސް މި އެންގުމަށް އަމަލުކުރުން ގަނޫނުން ލާޒިމުވާނެ ކަމަށެވެ.

މި ފިޔަވަޅަކީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެކެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމައި، ބައެއް ކުންފުނިތަކުން މިހާރު ވަނީ އެ މަސައްކަތް ފަށައިފައެވެ.