އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް ސިފައެކެވެ. ބޮޑާވުމަކީ ނަރަކައަށް މަގުދައްކާ ކަމެކެވެ.

ކިބުރުވެރިކަމެއް ނެތި މަޑުމައިތިރިވުމާއި އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް ސިފަތަކެއް ކަމާއިބޮޑާވުމާއި ހިތްހަރުކަމާއި ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުންޏެވެ.

”މަޑުމައިތިރިކަން އިސްކުރުން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް އިސްލާމް ދީން ބާރުއެޅި ނަމަވެސް މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ މި ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދު ކަމަށެވެ.

މިއަދު އެ މީހަކަށް މާތް الله ތެދުމަގު ދެއްކެވި މީހަކު މެނުވީ، ނަމާދާއި ރޯދައާއި ޙައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށް ހީކުރާ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, އަހަރެމެންގެ ތެރޭގައި ފަރުޟުތަކަށް ރައްކާތެރިވުމާ އެކު، ސުންނަތް ނަމާދާއި ސުންނަތް ރޯދައާއި ޞަދަޤާތްކުރުން ފަދަ ހެއު ޢަމަލުތައް ކުރާ މީހުން މަދު ނޫން ކަމުގައިވީ ނަމަވެސް އެފަދަ ހެއުލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި ދޫނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނަޅައިދިއުމާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަން ފެންނަ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, މާތް ނަބިއްޔާގެ އަހުލުވެރީންނާއި އަޞްޙާބުންނާއި އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި މަޑުމައިތިރިކަމާއި އޯގާވެރިކަން ގެންގުޅުއްވި އިރު, ދުޝްމަނުންނާމުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ ސިފަފުޅު ކަމަށެވެ. އަދި މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެއް ކަމަށްވެސް ބުންޏެވެ.

ދީން ޤަބޫލުނުކުރާ ނުބައި ނުލަފާ މީހުންނާ މުޚާޠަބުކުރާން ވެސް އިސްލާމްދީނުގައި އޮންނަނީ މަޑުމައިތިރިކޮށްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެ ފަދަ މީހުންގެ މައްޗަށް ވެސް ހަރުކަށިވުމެއް ނެތް ކަމަށެވެ. އެހެންކަމުން މުސްލިމުން އެކަކު އަނެކަކާ މުޢާމަލާތުކުރާ އިރު އޯގާވެރިކަމާއި މަޑުމައިތިރިކަމާއި ތަވާޟުޢުވެރިކަން އިސްކުރުން މާ އައުލާކަން ބޮޑު ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާ ނޫން ކަމަށާއި އޭގެ ބަދަލުގައި ދީންވެރި މުސްލިމަކީ މަޢާފުކުރުން އިސްކޮށް, މާތް اللهގެ ޙަޟުރަތުގައިވާ ދަރުމައަށް އެދޭ މީހާ ކަމަށެވެ.

މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”ނަރަކަ ޙަރާމްކުރެއްވިގެންވަނީ (މީސްތަކުންނަށް) އޯގާތެރި، މަޑުމައިތިރި، މުޢާމަލާތުކުރާން ފަސޭހަ، ގާތްކަން ބަހައްޓާ، ކޮންމެ މީހަކަށެވެ.“

އަދިވެސް ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ.

”ތިޔަބައިމީހުންނަށް ނަރަކައިގެ އަހުލުވެރީންގެ ވާހަކަ ބުނެދެއްވަން ހެއްޔެވެ؟“ ޞަޙާބީން ދެންނެވިއެވެ. ”އާދޭހެވެ!“ ޙަދީޘްކުރެއްވިއެވެ: ”(އެއީ) ހަރުކަށި، އަދަބުކުޑަ، ބޮޑާ، ކިބުރުވެރި، ބާޠިލު ގޮތުގައި ޖަދަލުކުރާ ކޮންމެ މީހެކެވެ.“