ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ރާއްޖޭގެ ޝާޔާއަށް ހަތަރު ވަނަ

މައްކާގައި މި އަހަރު ބޭއްވި 46 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން ފޯ މެމޮރައިޒިން، ރިސައިޓިން އެންޑް އިންޓަޕްރިޓިން އޮފް ދަ ހޯލީ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް މުޅި ގުރުއާން ހިތުން ކިޔެވުމުގެ ގޮފިން ރާއްޖޭގެ މއ. އަސާސް/ އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު ހަތަރު ވަނަ ހާސިލުކޮށްފި އެވެ.

ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން ފޯ މެމޮރައިޒިން، ރިސައިޓިން އެންޑް އިންޓަޕްރިޓިން އޮފް ދަ ހޯލީ ގުރުއާން މުބާރާތަކީ ދުނިޔޭގެ އެންމެ ބޮޑު ގުރުއާން ހިތުން ކިޔެވުމުގެ މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ދުނިޔޭގެ 133 ގައުމަކުން ބައިވެރިން ވާދަކުރި އިރު، މި އަހަރަކީ މި މުބާރާތުގެ ތާރީހުގައި އަންހެން ބައިވެރިން މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުން ޝާޔާ ހަތަރު ވަނަ ހޯދި އިރު، އޭނާއަށް ހާއްސަ އިނާމެއްގެ ގޮތުގައި އެއްލައްކަ ހަތްދިހަ ހާސް ރިޔާލް ކަނޑައަޅާފައިވެ އެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ހަރަމްފުޅުގައި ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ. މީގެ އިތުރުން މި ޖަލްސާގައި ސައުދީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަތީފް އާލުއްޝައިހު އާއި ހަރަމްފުޅުގެ އިމާމު ޝައިޚު ޑރ އބްދުއްރަހުމާނުއް ސުދައިސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަފުލާއަށްފަހު ސައުދީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަތީފް އާލުއްޝައިހު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވައިފަ އެވެ.

މި ހަފުލާގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގެންނެވި އެވެ. ޝަހީމް ވިދާޅުވީ، މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިއަކަށް މުބާރާތުން ހާއްސަ ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށެވެ.