ޝާހިދު, ސަރުކާރަށް: ކަސްތޮޅުން ކަންކަން ހައްލުކުރަން ނޫޅޭ, ދެފުށް ފެންނަ ސިޔާސަތު ދައްކާ!

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ---

ޑޮލަރު އަގު ބޮޑުވުމުގެ ކަންބޮޑުވުމުގެ ވާހަކަ ރައްޔިތުންނަށް ދެއްކޭނެ ކަމަށާއި ކަސްތޮޅުން ކަންކަން ހައްލުކުރަން ނޫޅެ ދެފުށް ފެންނަ ސިޔާސަތުން ރައްޔިތުންނަށް ހައްލުތައް ދައްކަންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ, އެމްއެމްއޭ އިން ކަނޑައަޅައި އާންމުކުރާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި, އެއާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅުމަށް މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރުމުންނެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ހިޔާލުފާޅު ކުރުމުގެ ހައްގުގައި ތަޅެއް ނޭޅުވޭނެ ކަމަށާއި ޑޮލަރު އަގު ބޮޑުވުމުގެ ކަންބޮޑުވުމުގެ ވާހަކަ ރައްޔިތުންނަށް ދެއްކޭނެ ކަމަށެވެ.

”ސަރުކާރުގެ އިގުތިސާދީ ސިޔާސަތު އޮތީ ބޮޑުތަނުން ފެއިލްވެފައި. މިސްރާބު ހަމަ މަގަށް ނޭޅިއްޖެނަމަ ގައުމުގެ އިގުތިސާދަށް އިއާދަ ނުކުރެވޭފަދަ ގެއްލުންވެ ރައްޔިތުން ބިކަވެ ވިޔަފާރިތައް ފުނޑުފުނޑުވެދާނެ,“ ޝާހިދު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ނިންމުމާ ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.