ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ޔަޒްމީދު މުހައްމަދު ---

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފި އެވެ.

ޕެންޝަން އޮފީހުން މިއަދު ބުނީ، ފަސް އަހަރުގެ މުއްދަތަށް ޔަޒްމީދު އެ މަގާމަށް އައްޔަންކުރީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން ކަމަށެވެ. އޭނާ އެ މަގާމާ ހަވާލުވާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓަރުގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ޔަޒްމީދަކީ 20 ވަނަ މަޖިލިސް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބު އޭނާއަށް ނާކާމިޔާބުވި އެވެ.

އޭގެ ފަހުން މި ސަރުކާރުގައި 23 އޮކްޓޫބަރު 2025 ގައި ޔަޒްމީދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަންގައި އިންނަވާ މެންބަރުގެ ގޮތުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 18 މެއި 2026 ގައެވެ.

ޔަޒްމީދު ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމާއި އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ.

ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކުރައްވާފައިވާ ސަޓިފައިޑް ޗާޓަޑް އެކައުންޓެންޓެކެވެ. އަދި އޯޕަން ޔުނިވާސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ފަސްޓް-ކްލާސް އޮނާސް ޑިގްރީ ހާސިލުކުރައްވާފައިވެ އެވެ.