އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޖީއީ ހެލްތްކެއާ އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، ’ވީ ސްކޭން’ގެ މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފުލާގައި މި ޑިވައިސް ތައާރަފު ކޮއްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތްކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.
އަލަށް ތައާރަފު ކުރި މި މޮޑެލްތަކުގެ ސަބަބުން ސްކޭންގެ ހިދުމަތް ދެމުން އައި ގޮތް، ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ، ޕޭޝަންޓާ ވީހާވެސް ކައިރިން ހިދުމަތް ދެވޭނެ އެވެ. އެގޮތުން މި މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭންކުރާ އިމޭޖްތައް ޑައިކޮމް ސްޓޭންޑަޑްގައި ޝެއާ ކުރެވޭނެ އެވެ.
އެސްޓީއޯގެ ހެލްތުކެއާ ޓީމުން ބުނީ, މި ޑިވައިސް އަކީވެސް އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މި ދާއިރާއަށް ހާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ހާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މި ހިދުމަތް ފުޅާކުރުމުގައި މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ބުންޏެވެ.
ސްކޭން މެޝިންގެ ބްރޭންޑުތަކުގެ ތެރެއިން ޖީއީ ހެލްތްކެއާއަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ. ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ އެވެ.
މި ބްރޭންޑުގެ މެޝިނަރީސްގެ އަފްޓާ ސޭލްސް ސާވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުން ވަނީ ޖީއީ ހެލްތްކެއާގެ ކޮންމެ މޮޑަލިޓީއަކަށް ހާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފަ އެވެ. މިގޮތުން އެމްއާރުއައި، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތްއިރު، މި ޓީމުގައި ދިވެހި އަންހެން އިންޖިނިއަރުންވެސް ހިމެނެ އެވެ.


