ސީޕީ، ދިވެހި ފުލުހުންނަށް: ބާރުގެ ބޭނުންކޮށްގެން ރައްޔިތުންގެ އިތުބާރެއް ނުހޯދޭނެ!

ރައްޔިތުންގެ އިތުބާރަކީ ބާރުގެ ބޭނުންކޮށްގެން ހޯދޭނެ އެއްޗެއް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ސީޕީ ވިދާޅުވީ, ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް ދެމިތިބޭނީ ގާނޫނީ މިންގަނޑުތަކަށް ކަމޭހިތާ, ޑިމޮކްރެޓިކް ހަމަތަކަށް ޖަވާބުދާރީވާ މުއައްސަސާއެއް ބިނާކުރުންމަތީގައި ކަމަށެވެ.

ނަމަވެސް ފުލުހުންގެ މަސައްކަތަކީ ފުލުހުން އެކަނި ހާސިލުކުރާ ނަތީޖާއެއް ނޫން ކަމަށާއި އެއީ ކައުންސިލްތަކާއި ޖަމިއްޔާތަކާއި އާންމު ފަރުދުންނާ ގުޅިގެން ކުށް އުފެދޭ މާހައުލު ނައްތާލުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމަށް ވިދާޅުވި އެވެ.

”ފުލުހުންގެ ޔުނީފޯމާއި ކޮނޑުގައިވާ ބެޖަކީ ރައްޔިތުންގެ އަމާނާތެއް. ރައްޔިތުންގެ އިތުބާރަކީ ބާރުގެ ބޭނުންކޮށްގެން ހޯދޭނެ އެއްޗެއް ނޫން. އިހުލާސްތެރިކަމާ ނަޒާހަތްތެރިކަމާ އިންސާފުވެރިކަމުން ހޯދޭނެ އެއްޗެއް. ކޮންމެ ފުލުހަކީ މުއައްސަސާގެ ޝަރަފާއި އަބުރުގެ ރައްކާތެރިއެއް،“ ސީޕީ ވިދާޅުވި އެވެ.