ސަރުކާރުން ހަދާ ރިސޯޓުތަކުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި އެ އިން ލިބޭ ފައިދާއިން 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުރިހާ ދިވެހިންނަކީ ރިސޯޓު ހިއްސާދާރުންގެ ގޮތުގައި ކަނޑައަޅައި، ޑޮލަރު ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި 10 ރިސޯޓެއް ހަދާނެ ތަންތަން ވެސް މި ހަފުތާގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ.
”އިރާދަކުރެއްވިޔާ ހަމަ އުއްމީދަކީ ނޮވެމްބަރު މަހުގެ ތެރޭގައި މީގެ ބައެއް މަޝްރޫއުތައް ފެށިގެންދާނެ، އަޅުގަނޑު އިއުލާންކުރިން 30 މަސް ދުވަހުގެ ތެރޭގައި، ތިން އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގަސްތުކުރަނީ، އުންމީދު ކުރަނީ މި ރިސޯޓުތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މީގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި ރައްޔިތަކީވެސް ރިސޯޓް ޝެއާ ހޯލްޑަރަކަށްވެ، ކޮންމެ ބޭފުޅެއްގެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާވުން ކަމަށެވެ.
”އެހެންވީމާ، އެ ޕްރޮޖެކްޓް ވެސް ވަރަށް ބާރަށް ހިނގާ ވާހަކަ ހަމަ ދަންނަވާލީ. އަޅުގަނޑު ހަމަ ރިޔާސީ ބަޔާނުގައި ހަމަ ޖުމްލައެއްގެ ގޮތުގައި އިޢުލާންކޮށްލި ކަމެއް ނޫންކަން ހަމަ ދަންނަވާލަމުން ގޮތުން،“ ރައީސް ވިދާޅުވި އެވެ.


