އިންޑިއާގެ އާސާރީ މިސްކިތެއް ތަޅާލިތާ ދެ ދުވަސް ފަސް, ހިންދޫ ފައްޅިއެއް ކޯރެއް ތެރެއަށް ވެއްޓި، ޣަރަގުވެއްޖެ

އިންޑިއާގެ ވެސްޓް ބެންގާލްގެ މަލްދާ ޑިސްޓްރިކްޓުގައި ފެންބޮޑުވެ ހިނގި ބިންގަނޑު ގިރުމުގެ ހާދިސާއެއްގައި 175 އަހަރުވީ ފައްޅިއެއް, ގަންގާ ކޯރުގެ ތެރެއަށް ވެއްޓިއްޖެ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ, އުއްތަރަ ޕްރަދޭޝްގެ ސަހާރަންޕޫރުގައި ހުރި 150 އަހަރުވީ މިސްކިތެއް ތަޅާލިތާ ދެ ދުވަސް ފަހުންނެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު އެ މިސްކިތް ތަޅާލީ އެއީ ސަރުކާރުގެ ބިމެއްގައި ހުއްދަ ނެތި ބިނާކުރި މިސްކިތެއް ކަމަށް ބުނެ ހަރުކަށި ހިންދޫ ޖަމާއަތެއް ކަމަށްވާ ބަޖްރަންގް ދަލްގެ ކުރީގެ ވެރިއެއް ސިޓީ މެޖިސްޓްރޭޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ނިންމި ނިންމުމަކާ ގުޅިގެންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މަލްދާގެ ރަތުއާ ޓައުންގެ މުނިރާމްތޯލާގައި ހުރި އެ ފައްޅި ވެއްޓިދާނެކަމުގެ ބިރު މިދިިޔަ އަހަރުން ފެށިގެން އޮތެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެތަން ނުވެއްޓި ހުރީ ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އެ ފައްޅި އަޑިއަށްދާ ވީޑިއޯއެއް ދައުރުވަމުން އަންނައިރު, ގަންގާ ކޯރުތެރެއަށް އެ ފައްޅި ޣަރަގުވުމުން ގިނަ ބަޔަކު ރޮއެ, ހަޅޭއްލަވާ އަޑު އިވެ އެވެ.