ރާއްޖޭގައި ގަވާއިދާ ހިލާފަށް ޑޮލަރުގެ ވަގު ވިޔަފާރިކުރާ 27 މީހަކާއި 22 ތަނެއްގެ މައްސަލަ ބަލަައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ގިނަ އަދަދަކަށް މެސެޖު ލިބިފައިވާ އޭގެ ތެރޭގައި ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖެއް ލިބިފައިވާ ކަމަށެވެ.
މީގެތެރޭގައި ހިމެނެނީ ބިދޭސީ 27 މީހެއްގެ މައުލޫމާތާއި ހުއްދަ ނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނަކާއި ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ހަތަރު ތަނެއްގެ އިތުރުން މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައުލޫމާތުތަކާ ގުޅިގެން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.


