ސަރުކާރުގެ ޕާކިން އިމާރާތްތަކުގައި ޕާކުކުރަން ފީއެއް ނަގާނެ, ނޫފުލޭވަރުގެ ބުރައަކަށް ނުވާނެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ---

މާލޭގައި ސަރުކާރުން ހަދާ ޕާކިން އިމާރާތްތަކުގެ އަގު ކަނޑައަޅާނީ ސަރުކާރުން ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ, މަޖީދީމަގުގައި އޮންނަ ހީނާމާގޭ ޕާކިން ޒޯނާއި ސޯސަންމަގުގައި އޮންނަ ސޯސަންގޭ ޕާކިން ޒޯނުގައި ޕާކިން އިމާރާތެއް ހަދަން އަންނަ ހަފުތާގައި ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އެ ދެ ތަނުގައި ހަދާ ޕާކިން އިމާރާތްތަކުގައި ޕާކުކުރަން ފީއެއް ނަގާއިރު, އެއީ ’ރައްޔިތުންނަށް އުފުލޭވަރުގެ ދަށް ފީއަކަށް“ ކަމަށެވެ.

”މި ތަންތަނުގައި ޤާއިމުކުރެވޭ ޕާކިންއަކީ ސަރުކާރުން އާންމު ރައްޔިތުންނަށް އުފުލޭވަރުގެ މި ދަށް ފީތަކެއް. މާނައަކީ ނޫފުލޭވަރުގެ މި ބުރައެއް ނުޖެހި، މި ބޮޑު ފީއެއް ނެތި މިހެން މި މި ދަންނަވަނީ ޕްރައިވެޓް ފަރާތްތަކަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާތީ ހިތްޕުޅަށް ފަހަރެއްގައި އަރާފާނެ އެ ބޭފުޅުން މި ބޭނުންފުޅު އަގެއްގައޭ ޕާކިންގެ އަގުތައް ދޭނެ. ނޫން، އެހެނެއް ނޫން. ސަރުކާރުންނޭ މި އަގުތައް އަޅުގަނޑުމެން ފުރަތަމަ މި ދޭ ޕާކިން ބިލްޑިން ކަނޑައަޅާނީ އިނގޭތޯ. މާނައަކީ އެފޯޑަބަލް ވާނެ. އެއީ ޕޮއިންޓަކީ.“ ސައީދު ވިދާޅުވި އެވެ.