ރިސޯޓް ކުލީގެ ގޮތުގައި 97 މިލިއަން ޑޮލަރު ނުލިބި, ބައެއް ތަންތަނުން ކުލި ނުދައްކާތާ 13 އަހަރު!

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ---

ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 97 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ) ނުލިބި އެބަހުރި ކަމަށް ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ, ރާއްޖޭގެ ރިސޯޓް އޮޕަރޭޓަރުންގެ ގާތްގަނޑަކަށް 94 ޕަސެންޓަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މީރާއަށް ޓެކުހާއި ކުލި ބަރާބަރަށް ދައްކަމުން އަންނަ ފްރާތްތަކެއް ކަމަށެވެ. ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި މިހާރުވެސް ހިންގަމުން އަންނަ ތަންތަނާއި މިނިސްޓްރީގެ ހުއްދަ ނެތި ބަންދުކޮށްފައިވާ ތަންތަންވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

”(ރިސޯޓް ކުއްޔާއި ޖޫރިމަނާ ނުދައްކާ ރިސޯޓްތަކުގެ ތެރޭގައި) އެބަތިބި ބައެއް ބޭފުޅުން ގާތްގަނޑަކަށް 2013 ވަނަ އަހަރުން ފެށިގެން ވެސް މިއަށް އަމަލު ނުކުރައްވާ. އެހެންވީމާ ދިގު މުއްދަތެއްގައި ހިންގާފައި ހުރި ކަންތައްތަކެއް މިއީ. އެއް ދުވަހަކުން ހައްލެއްވެސް ނުހޯދެވޭނެ. އަޅުގަނޑުމެން ސަރުކާރުން ކެބިނެޓުން ނިންމި ނިންމެވުމާ އެއްގޮތަށް މި ލޭންޑް ރެންޓާ ފައިން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ,“ އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ރިސޯޓް ކުއްޔާއި ޖޫރިމަނާ ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް ހަމަޖައްސައިދޭ އުސޫލުގެ ދަށުން އެ ފައިސާ ނުދައްކާނަމަ, ދެން އަޅަން ހުރި ފިޔަވަޅުތައްވެސް އަޅާނެ ކަމަށް ވިދާޅުވި އެވެ.