އަޅުގަނޑުމެންގެ ހިތުގެ އީމާނާއި ދިރިއުޅުމުގެ އަމަލުތަކުން ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ދިވެހި ކޮންމެ ރައްޔިތަކުވެސް ގަދައަޅައި މަސައްކަތްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ, މާޒީގެ ލޯގަނޑަށް ބެލުމުން ފެންނަނީ ދިވެހިންނަށް ލިބުނު ނަސީބު ކަމަށާއި ނަމަވެސް ހާލަތުގެ މަންޒަރަށް ބެލުމުން ފެންނަނީ ބައެއް ދިމަދިމައިގައި ލަކުނުލައި ޒަހަމްތައް އުފެދިފައިވާތަން ކަމަށެވެ. އަދި މުސްތަގުބަލުގެ އުދަރެހަށް ބެލީމާ ފެންނަނީ ހާސިލުކުރަންޖެހޭ އިސްލާމީ ޝަރީއަތުގެ މަގުސަދުތައް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑުމެންނަށް ސިފަވަނީ އެކަމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސުން ކުރަން ހުރި ޖިހާދުތައް. އަޅުގަނޑުމެން ވާން ހުރި މަތިވެރި ގުރުބާނީތައް. މުޅި ގައުމުގެ ސަލާމަތަށްޓަކައި ހުރިހައި ފަރާތްތަކުން ގުޅިގެން އުފައްދަންވި ތަސައްވުރުތައް. ތަންފީޒުކުރަންވީ އަމަލީ ފިޔަވަޅުތައް. ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަޅުގަނޑުމެންގެ ޅަ ހިތްތަކާއި ލޯތަކާއި ކަންފަތްތަކަށް ހުށަހެޅެމުންދާ ހުށަހެޅުންތަކުން އީމާންތެރިކަމުގެ ރޫޙަށް އިއްވާ ބިރުވެރި ރަނގަބީލުތަކަށް ސަހަރޯވެ ދޭންޖެހޭ ޚާއްސަ ސަމާލުކަން!,“ ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ދިވެހީންނަށް ލިބުނު އަދި ލިބޭނެ އެންމެ މަތިވެރި ނަސީބަކީ އިސްލާމްދީންކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން, ދިވެހި ގައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ އިސްލާމްދީންކަމާއި ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި މި ދައުލަތް ކެރިގެން ދެމެހެއްޓުމަށް އިލްތިމާސް ކުރައްވައިފަ އެވެ.


