ހޭދަކުރުމުގައި އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން“ މި މައުޟޫއުއަށް ދިން ހުކުރު ހުތުބާގައި ބުނީ, الله سُبْحَانَهُ وَتَعَالَى އިންސާނުންނަށް ދެއްވި މަތިވެރި ނިއުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނޭ ކަމަށާއި އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ އެންމެހައި ޙާޖަތްތައްފުއްދުމުގެ އިތުރުން އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ. ފަހެ ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ الله سُبْحَانَهُ وَتَعَالَى ސުވާލުކުރައްވާނެ ކަމަށް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ކަމަށްވެސް ބުންޏެވެ.
މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި، ދަހިވެތިނުވުން ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ, ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެއް ކަމަށެވެ. އަދި އިންސާނާގެ ޙަޔާތުގައި ބަލިވުމާއި، އަތްމަތި ދަތިވުންފަދަ ތަފާތު އެކި ޙާލަތްތަކާ ކުރިމަތިލާންޖެހޭއިރު, އަތްމަތި ދަތިވެ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދިނުމަށް މުސްތަޤުބަލަށް ޓަކައި މުދާ ރައްކާކުރުމަކީ މުހިންމު ކަމެއް ކަމަށް ބުންޏެވެ.
ބޭނުމެއް ނެތި ނުވަތަ ދަރަނި އަދާކުރެވޭނޭ ގޮތެއް ވެސް ނެތި ދަރަނި ނެގުމުގައި ޙައްދުފަހަނަޅައިދާކަން ފާހަގަކޮށް ހުތުބާގައި ބުނީ, ދަރަނީގެ މުޢާމަލާތަކީ އެ ކަމާ މެދު އަހަރެމެން ސަމާލުވާންޖެހޭ ކަމަށެވެ. އެހެނީ ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތަކަށްވާއިރު އެއީ ދަރަނިދޭ މީހާގެ ހައްގެއް ކަމަށާއި އެހެންކަމުން ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމަ ކަމަށް ބުންޏެވެ.
ދަރަނި އަދާކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”މުއުމިނު އަޅާގެ ދަރަނި އަދާކުރެވިއްޖައުމަށްދާންދެން، ވަކިގޮތެއް ނުނިމި އޭނާގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވެއެވެ.“
ހުތުބާގައި ބުނީ, ދަރަންޏެއްނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާންޖެހޭ ކަމަށާއި އެހެނީ ރިބާގެ މުޢާމަލާތްތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ, މުދާ ހޭދަކުރާން ޖެހޭ މުހިންމު އެއް ދާއިރާއަކީ ތިމާ ބަލަހައްޓާން ޖެހޭ ފަރާތްތައް ކަމަށާއި އެހެނީ އަނބިދަރީންނަށް ކޮންމެހެން ކުރާން ޖެހޭ ހޭދައަކީ ތިމާގެ މުދަލުގައި ލައްވައިފައިވާ އެ ބައިމީހުންގެ ހައްގެއް ކަމަށެވެ. އަދި އަބުރުވެރިކަމާ އެކު ތިމާގެ އަނބިދަރީންނަށް އުޅެވޭނޭ މިންވަރަށް ތިމާގެ ފެންވަރުގައި ޚަރަދުބަރަދުދޭން ޖެހޭނެ ކަމަށްވެސް ބުންޏެވެ.


