ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިސްމާއީލް އިޒުއާން އިބްރާހީމް، އާޔަން އަހުމަދު އިނާން އަދި އާއިޝަތު ޒީކް ރިޔާޒް ހޯދައިފި އެވެ.
ހާފިޒުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ހާސިލުކުރީ އިޒުއާން އެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއްވަނަ ޒީކް ހާސިލުކުރި އިރު، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ އާޔަން އެވެ.
މި އަހަރުވެސް ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ރަން ވަނަތަކަށް އަގުހުރި އިނާމުތަކެއް ވަނީ ދީފަ އެވެ.
އެގޮތުން ރައީސް ޝަރަފުގެ ފިލަޔާއި ރައީސް ދެއްވާ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ރައީސް ދެއްވާ ހާއްސަ އިނާމުތަކާއި ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕް ހިމެނެ އެވެ.
އޭގެ އިތުރުން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމީ ވަގުފު ފަންޑު ހިމެނޭހެން އިސްލާމިކް މިނިސްޓްރީން ދޭ 75،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ އަދި މޯލްވިސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އުމްރާ ދަތުރެއްވެސް ދީފައިވެ އެވެ.
މި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.


