ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

ސޯސަން މަގުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، އޭޑީކޭ ފަރުވާ ދެމުންދިޔަ ދިވެހި އަންހެން މީހާ ނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރަމުންދިޔަ އާއިޝަތު މާހިދާ ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ނިޔާވީ އެކްސިޑެންޓުގައި ބޮލަށް ލިބުނު އަނިޔާތަކަށް އޭޑީކޭގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށެވެ.

މި އެކްސިޑެންޓް ހިނގީ މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ވޭވް 125 ބްރޭންޑުގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހިގެންނެވެ. އެ ތަނުން ވޭވް ސައިކަލުގައި ތިބީ ނިޔާވި އަންހެން މީހާއާއި ފިރިހެނެކެވެ. އަނެއް ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ އެކްޒައިޓާ ސައިކަލު ދުއްވަން އިން ތ. ދިޔަމިގިލި/ އައްސޭރި، މާހު ހަސަން (21) ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުން އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.