މި އަހަރު ނިމޭއިރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ހުންނާނީ އެ ކުންފުނިތަކަށް ބޭނުންވާ ވަރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ, ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ކަންތައްތައް ފަހިކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން އެ މަނިކުފާނު ވެރިކަމާ ހަވާލުވި އިރު, އިގުތިސާދު ނިކަމެތި ހާލަތެއްގައި އޮތްއިރު, ބައެއް ކުންފުނިތަކަށް މީހުން ވައްދާފައި ހުރީ އެ ކުންފުނިތަކަށް ބޭނުން ނުވާވަރަށް ކަމަށެވެ. ނަމަވެސް ކުރިއަށް ދިޔައީ އެއްވެސް ފަރާތެއް ވަޒީފާއިން ވަކި ނުކުރާނެ ކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
”ހާއްސަކޮށް ފެނަކަ. ފެނަކައަށް ވަރަށް ގިނަ މީހުން ވައްދާފައި ތިބީ، ފެނަކައިއަކީ ރަށްރަށުގެ ކަރަންޓާއި މި ކަހަލަ ކަންކަން ކުރަން އޮތް ކުންފުނި. އެހެންނަމަވެސް ގޭގައިވެސް މަސައްކަތެއް ނުކޮށް ވަޒީފާ ދީފައި ތިބި އެތައް ބަޔަކު ހަމަ އޭރުގައި ތިބި. ދެން އެހެންނަމަވެސް އަޅުގަނޑު ދެންނެވީ ވަޒީފާ ވަކި ނުކުރާނަމޭ. ދެން އެގޮތަށް އަޅުގަނޑުމެން ކުރިއަށް ދިޔައީވެސް,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފެނަކަ އޭރު އޮތީ ބޮޑެތި މައްސަލަތަކުގެ ތެރޭގައިކަން އޮޑިޓަރު ޖެނެރަލް ނެރުއްވި ރިޕޯޓުން އެނގޭތީވެ, ކުންފުނީގެ ހިންގުން ރަނގަޅުކޮށް ހަރަދު ކުޑަކުރަންޖެހުނު ކަމަށެވެ. އެގޮތުން ޕާފޯމަންސަށް ބަލައި ކުންފުންޏަށް އެންމެ ބޭނުންވާނެ ގޮތަށް ކުންފުނި ބައްޓަންކުރުމަށްޓަކައި ފަރުވާ ކުޑަކުރާ މުވައްޒަފުންނާއި ވަޒީފާއަށް ނުނިކުންނަ މީހުން ދޫކޮށް, މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ފެނަކައިން ފެށި ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެން މިހާރު މި ދެންނެވި މަސައްކަތް ކުރަމުންދާ ދިއުމުގައި އަޅުގަނޑުމެންނާ ހަވާލުވިއިރަށްވުރެ މުވައްޒަފުންގެ އަދަދު މިހާރުވެސް މަދުވެފައި ހުންނާނެ އިނގޭތޯ. އެހެން ނޫސް މަދުކުރަނީ މި ދެންނެވި ގޮތަށް ޒިންމާދާރުކަމާ އެކީގައި ދޫކޮށްލާ މީހުންނަށް އެހެން ފުރުސަތުތައްވެސް ލިބޭނެ ގޮތަށް މުޅި ނިޒާމު ބައްޓަންކޮށްގެން,“ ރައީސް ވިދާޅުވި އެވެ.
”އެހެންވީމާ މި މަސައްކަތް ކުރިއަށް ގޮސް އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރުގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ހުންނާނީ ކުންފުނިތަކަށް ބޭނުންވާ ވަރަށް އަދި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުވެސް ވަރުގަދަ ކުރެވި, ޖުމުލަކޮށް ހަމަ ސަރުކާރުގެ ކުންފުނިތަކުގެ މިހިރަ ހުރިހާ ނުރަނގަޅު ގޮތަކަށް ހުރި ހުރިހާކަމެއް ރަނގަޅުކުރެވިގެންދާނެ,“


