ރައީސް މުއިއްޒުގެ ދުރުވިސްނުމާއި ތަސައްވަރުގެ ފުރިހަމަކަން ޔާމީނާއި އެމްޑީޕީއަށް މިހާރު ސާފުވާނެ: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ---

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއި ތަސައްވަރުގެ ފުރިހަމަކަން އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށާއި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް މިހާރު ސާފުވާނެ ކަމަށް, ސަރުކާރު ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގައި މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން އަބޫ ދާބީގެ އީގަލް ހިލްސްއަށް ދިން މަޝްރޫއު ފާހަގަކުރައްވައި ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އިދިކޮޅަށް ކުރިން ރަސްމާލެ ފެނުނީ ބޭކާރު އިސްރާފު ކުނިގަނޑެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިހާރު އެއީ ރަންގަނޑަކަށް ވެއްޖެ ކަމަށެވެ.

އަދި މިއަދު ރަސްމާލޭގެ ތަރައްގީގެ މަޝްރޫއުއާ ގުޅިގެން ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން އެ ދޮގު ގަބޫލު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެން ފަލާހު ވިދާޅުވީ, އެއީ ބުހުތާނު ދޮގުތަކެއްގެ މައްޗަށް ހިމެނޭ މައްސަލައެއް ކަމަށާއި އެ މައްސަލަ ހުށަހެޅީ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ބޭރުކޮށްލާނެ ކަމަށް ހީކޮށް ކަމަށެވެ.

”ނަމަވެސް އަޅުގަނޑުމެން މި ތިބީ ކެތްމަދުވެފައި އެމްޑީޕީއާއި ޔާމީން މި މަޝްރޫއުއާ ގުޅުވާ ފަތުރާ ބަހުތާނު ދޮގު ވާހަކަތައް ރައްޔިތުންނަށް ސާފުކޮށްދޭން. މިއީ މިހާތަނަށް މި ގައުމުގައި ހިންގޭ އެންމެ ބިޔަ ބޮޑު މަޝްރޫއު. މި ގައުމާއި ރައްޔިތުންނަށް ހީވެސްނުކުރާވަރުގެ ކުރިއެރުމާއި ތަނަވަސްކަން އަދި އުފާފާގަތިކަން މި މަޝްރޫއުން ލިބޭނެކަން ކަށަވަރުވާތީ ބަޔަކު ލޮލަށް ނިދިނައިސްގެން މިއުޅެނީ,“ ފަލާހު ވިދާޅުވި އެވެ.