އުމުރަށް ޖަލަށް ލާފައި ހުރި އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕެރޯލްގެ ދަށުން ދޫކޮށްލައިފި

އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ ސ. ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ވިދާޅުވީ ޕެރޯލްގެ ދަށުން އަބުޗާ ދޫކޮށްލީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. ނަމަވެސް އަބުޗާއަށް ޕެރޯލްގެ ފުރުސަތު ދިނީ ކޮން ޝަރުތަކެއް ފުރިހަމަވާތީ ކަމެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

ޕެރޯލަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިންގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް، ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުޖުތަމައަށް ނުކުތުމަށް ގާނޫނުން ދޭ ހާއްސަ ލުޔެކެވެ. ޕެރޯލްގެ ދަށުން ބަންދުން ދޫކޮށްލަނީ ޝަރުތުތަކާއެކުގައެވެ. އެގޮތަށް ކަނޑައަޅާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، އެ މީހަކު އަލުން އަނބުރާ ޖަލަށް ބަދަލުކުރާނެ އެވެ.

އަބުޗާ ހައްޔަރުކުރީ، އޭނާ އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރު ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑުރަގް އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި އޮކްޓޫބަރު 2020 ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޭނާ އާއެކު އިތުރު 17 މީހަކުވެސް ހައްޔަރުކުރި އިރު އެވެ.

އެ އޮޕަރޭޝަނުގައި އަބުޗާ ޑިންގީއެއްގައި ޑުރަގް ހިފައިގެން ދަނިކޮށް ކަނޑުމަތިން އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން ޑުރަގް ހުރި ގޯނިތައް ކަނޑަށް އުކައިވެސްލި އެވެ. ނަމަވެސް ކަނޑަށް ފުންމާލައި އެ ތަކެތި ފުލުހުން ނެގި އެވެ. އެގޮތުން އެ އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައަމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ފުލުހުން ހޯދި އެވެ.

އެ މައްސަލައިގައި ޑުރަގް ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އަބްޗާގެ މައްޗަށް އުފުލިއިރު، އޭނާ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދި އެވެ. އިއުތިރާފުގެ މައްޗަށް ބަލައި، އަބްޗާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅިއިރު، އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ. އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުގައި 50 އަހަރުގެ ޖަލު ހުކުމް 25 އަހަރަށް ކުޑަކުރި އެވެ.

އެ ހުކުމް އޭނާގެ މައްޗަށް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް، ކުށުގެ ތުހުމަތުގައި އޭނާ ބަންދުކުރީ އޮކްޓޯބަރު، 2020ގަ އެވެ. އެހެންކަމުން އޭނާ ޖަލު ބަންދުގައި ހޭދަކުރާތާ ހަ އަހަރު ވަނީ ވެފަ އެވެ.