ވިލިނގިލި އެއާޕޯޓް: ބުރުޖް ހަލީފާ ހެދި ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކަށް

ގއ. ވިލިނގިލި ފަޅުގައި ހަދަން މި ސަރުކާރުން ވައުދުވެފައިވާ ބައިނަލްއަގުވާމީ އެއާޕޯޓުގެ އަމަލީ މަސައްކަތް އާ ކޮންޓްރެކްޓަރަކާ އެކު އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވިލިނގިލީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

ރިޔާސީ އިންތިހާބަށްފަހު, އެ މަނިކުފާނު ރަށްތަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި 22 ފެބްރުއަރީ 2024 ގައި ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ ޑިޒައިން ދައްކާލައި, ބެލްޖިއަމްގެ ބެސިކްސް ކޮންސްޓްރަކްޝަން ގްރޫޕާއެކު އެއްބަސްވުމުގައި ސޮއިކުރި އެވެ.

އޭރު ސަރުކާރުން އެ މަޝްރޫއު ޕްރޮމޯޓް ކުރީ ދުބާއީގެ އެންމެ އުސް އިމާރާތް, ބުރުޖް ހަލީފާ ހެދުމުގައި ހަރަކާތްތެރިވި ކުންފުނިތަކުގެ ތެރެއިން ޖޭވީ ކުންފުންޏަކާ އެ މަޝްރޫއު ހަވާލުކުރި ކަމަށް ބުނެ އެވެ.

ނަމަވެސް އެ މަޝްރޫއު ހަވާލުކުރިތާ ދެ އަހަރާ އަށް މަސް ވެގެން ދިޔައިރުވެސް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެ އެވެ. އޭގެ އެއްވެސް އަޕްޑޭޓެއްވެސް ސަރުކާރުން ނުދެ އެވެ.

’އަހާ‘ ފޯރަމްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ, އެ މަސައްކަތް ކުރިން ހަވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށާއި އާ އެއްބަސްވުމެއްގެ ދަށުން އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ކުރިން މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި ސަބަބެއް އަމީން ހާމައެއް ނުކުރެ އެވެ.