މާލޭގައި ހިންގާ ބަނގުރާ ނެޓްވޯކަކަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް: ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި ރެއިޑެއްގައި އަތުލައިގެން ބަނގުރާ ފުޅިތަކެއް ---

މާލެ ތެރެއަށް ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ރެއިޑް އޮޕަރޭޝަނެއް ހިންގައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި, އެ ރެއިޑް ހިންގީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރެއިން ފެށިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި މާލޭގެ ގެއެއްގެ އެއްވަނަ ބުރިއާއި ފަސްވަނަ ބުރި ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރެއް އަދި އަތުލައިގެން ބަނގުރަލުގެ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް, ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ, މި އޮޕަރޭޝަންގައި މާލެތެރޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ.