ރާއްޖެއަކީ މިހާރު ދަރާނެ ގައުމެއް ނޫންކަން މީހުން ގަބޫލުކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސައީދު އެހެން ވިދާޅުވީ, ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ, މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ 2 އިން ސީއޭއޭ 1 އަށް މަތިކޮށް, ސްޓޭބަލް އައުޓްލުކްއެއް ދިނުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ, ރާއްޖެ ބަނގުރޫޓު ވެދާނެ ދުވަހަކަށް ވާދަވެރި ސިޔާސީ ޕާޓީތަކުން އިންތިޒާމު ކުރަމުންދިޔަ ކަމަށާއި ނަމަވެސް އެކަން ވެގެން ނުދިޔައީ ކަމާގުޅޭ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިކުމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ.
”އެހެންނަމަވެސް އެ ހާލަތު ނައިސް اللهގެ އިރާދަފުޅުން ރާއްޖެ ބަނގުރޫޓުނުވެ ރާއްޖޭގެ ރޭޓިން ވެސް މައްޗަށް މި ދަނީ. މިކަމުގެ މި ނަފާވެރިކަން އިރާދަކުރެއްވިއްޔާ ދިވެހި ކޮންމެ ރައްޔިތަކަށް، ހާއްސަކޮށް ރާއްޖޭގައި އިންވެސްޓްކުރާ ދިވެހި ވިޔަފާރިވެރިންނަށް އަދި ބޭރުގެ ފަރާތްތަކަށް، ރާއްޖޭގައި އިންވެސްޓްކުރާ ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް ބޭންކުތަކަށް މީގެ ފައިދާ ލިބިގެންދާނެ. ރާއްޖެއަކީ މިހާރު މީހުން ގަބޫލުކުރާ ގޮތުގައި އިރާދަކުރެއްވިއްޔާ ދަރާނެ ގައުމެއް ނޫން,“ ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގުވާމީ އިގުތިސާދުގައި ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ފައިހަމަކުރެވޭނެ ވަރުގެ ވަރުގަދަ ގައުމެއްކަން ބޭރު ދުނިޔެވެސް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ރޭޓިން އޭޖެންސީތައް ވެސް އެކަން ގަބޫލުކުރަންވާނެ ކަމަށް ވިދާޅުވި އެވެ.


