މާލޭގެ މުހިންމު 14 ބިމެއް ސަރުކާރަށް ނަގައިފި، ޝަކުވާއަށް ދެ ހަފްތާ

ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗާއި ރަސްފަންނު ހިމެނޭހެން މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ މުހިންމު ބިންތަކެއް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައަޅައި ސަރުކާރަށް ނަގައިފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ތަރައްގީކުރުމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުން ކައުންސިލްގެ އިހުތިސާސުން ވަކިކުރި ބިންތަކުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ. އެގޮތުން، ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ އިރު، ކާނިވާ ސަރަހައްދު ތަރައްގީކުރާނީ މުނިފޫހިފިލުވުމާއި ވިޔަފާރީގެ ބޭނުންތައް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން، އާޓިފިޝަލް ބީޗާއި ރަސްފަންނު އިތުރަށް ތަރައްގީކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

މާލޭގެ މާރުކޭޓުތައް ހުރި ސަރަހައްދުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މަސް މާރުކޭޓު ހުރި ބިމުގައި އޮފީސް އަދި ވިޔަފާރި އިމާރާތެއް އެޅުމަށް ނިންމާފައިވާ އިރު، މަސް މާރުކޭޓަށް ހިއްކާފައިވާ ސަރަހައްދުގައި ވެޓް މާކެޓް ކޮމްޕްލެކްސްއެއް ތަރައްގީކުރާނެއެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި ވިޔަފާރީގެ ބޭނުންތަކަށް ހާއްސަ އިމާރާތެއް އެޅުމަށް ވަނީ ކަނޑައަޅައިފައެވެ. ބޮނޑިބަތް ޕާކު ސަރަހައްދުގައި ޕާކިން އިމާރާތަކާއެކު ވިޔަފާރިތަކަށް ހާއްސަ ޖާގަތަކެއް ހެދުމަށް ވެސް ވަނީ ރާވައިފައެވެ.

ސަރުކާރުގެ ބޭނުމަށް ނެގި އެހެން ބިންތަކުގެ ތެރޭގައި ތައިސޭ ކޮށި ހިމެނެއެވެ. އެތަން ބޭނުންކުރާނީ މާލޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ވަގުތީ މަސައްކަތްކުރާ ސައިޓެއްގެ ގޮތުގައެވެ. ކުރިން ގަލޮޅު އަވަށު އޮފީސް ހިންގި އަދި ގައުމީ ކުތުބުހާނާއަށް ހާއްސަކޮށްފައި އޮތް ބިމުގައި ކުޑަކުދިންގެ އެކްޓިވިޓީ ސެންޓަރަކާއި ޑޭކެއާ ސެންޓަރެއް އެޅުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން، ޕަބްލިކް ވާކްސްގެ މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ގުދަން ހެދުމަށް ހުސް ބިމެއް ނަގާފައިވާ އިރު، ކުރިން ހަކަތަ ޕެޓްރޯލް ޝެޑް ހިންގި ބިމުގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާނެ ފެސިލިޓީއެއް ގާއިމުކުރާނެއެވެ. މަސްވެރިންގެ މައިޒާނުގައި މިހާރު ހުރި ޕަމްޕް ސްޓޭޝަން ބެހެއްޓުމަށާއި، ޕޭ ޓޮއިލެޓް ނަންބަރު 2 ހުރި ތަނުގައި އާންމު ފާހާނާބަރިއެއް ތަރައްގީކުރުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

މި ބިންތައް ސަރުކާރަށް ނެގުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއުތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އިއުލާން ނެރުނު ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ލިޔުމުން އެކަން ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.