ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަތަނުވެ ގޮސް ޖެހުނީ ފުލުހެއްގެ ގައިގައި، ސީރިއަސް އަނިޔާތަކެއް

މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް, ހައިވޭގައި ޑިއުޓީ ކުރަން ހުރި ފުލުހެއްގެ ގައިގާ ޖެހި, އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ރަސްމީ ސްޕޯކްސްޕާސަން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މީޑިއާތަކަށް ވިދާޅުވީ, މިއަދު ދަންވަރު 4:30 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް މީހާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.

ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޝިޔާމް ވިދާޅުވީ, ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު އެ ވަގުތު ޑިއުޓީގައި ދެން ތިބި ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށާއި އެ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.