ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި އައިސް ޖެއްސި ސައިކަލު ދުއްވާފައި އައީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ކަމަށް ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހިނގި އެ ހާދިސާއާ ގުޅިގެން ސީޕީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ, އެ ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެން ކަމަށެވެ.
އެ ހާދިސާގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު, އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ސީޕީ އިތުރަށް ވިދާޅުވީ, މި ހާދިސާ ހިނގި ވަގުތު އެކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލް ގައި ތިބި ދެ މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު, އެކަމުގައި ދެން ބައިވެރިވި އިތުރު ދެ މީހަކު ހައްޔަރުކޮށް, ސައިކަލު ޓޯކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ, އެ ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަނަށް ހުރަސްއަޅައި، އެކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.


