ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދު (އައިއައިޔޫއައި) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އެރުވުމަކީ އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަމުންދާކަމުގެ ހެއްކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.
ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އެރުވީ އެ މަނިކުފާނު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައި ޕީއެންސީން އިއްޔެ ނެރެ, މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ, ރައީސް މުއިއްޒަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓަކީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު, ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރެއްވުމަށާޢި ސަރުކާރުގެ ހިންގުން ހަރުދަނާކުރައްވައި, ދައުލަތުގެ މުއައްސަސާތައް އިތުރަށް ކުރިއެރުވުމަށް ފާއިތުވި މުއްދަތުގައި އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
އަދި މިއީ ރައީސް މުއިއްޒުގެ ޒައާމަތުގައި ޕީއެންސީގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ އިތުރަށް, އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ދަށުން ދިވެހިންނާއި ރާއްޖޭގެ އިސްކުރައްވައިގެން, އަވަށްޓެރި ގައުމުތަކާއި ދުރު ގައުމުތަކާއެކު ތިލަފަތްހަމަ ގުޅުމެއް ބާއްވަވަމުންދިއުމުގެ ސަބަބުން ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެމުންދާ ޝަރަފާއި ފަހުރެއް ކަމަށްވެސް ޕީއެންސީން ބުންޏެވެ.
އެ ޕާޓީން އިތުރަށް ބުނީ, އިސްލާމީ އުއްމަތުގެ އެންމެ މުހިންމު އެއް ބާރުކަމަށްވާ ޕާކިސްތާނަށް ރާއްޖޭގެ ވެރިއަކު ޒިޔާރަތްނުކުރައްވާތާ 11 އަހަރު ފަހުން, ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ޒިޔާރަތަކީ އިސްލާމީ ގައުމުތަކާއެކު ބަދަހި ގުޅުމެއް ބާއްވަވަން އެ މަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ރަމްޒެއް ކަމަށެވެ.


