ޝީޝާއަކީ ދެ ޖިންސުންގެ ދިވެހިންގެ ތެރޭގައިވެސް މިހާރު އާންމު ކަމެކެވެ. ކޮފީ ބުއިމާއި މޭޒުދޮށުގައި އެތައް ގަޑިއިރެއް ހޭދަކުރުމާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް، ޑޮކްޓަރުން އިންޒާރު ދެއްވާ ގޮތުގައި މި އާދައަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށްވުރެ ރައްކާތެރި ނުވަތަ ގެއްލުން ކުޑަ ގޮތެއްގެ ގޮތުގައި ބަލައިގެން ނުވާނެ އެވެ.
’ކުއިޓް ލައިކް ސްވިޑަން: ދަ ސްވިޑިޝް އެކްސްޕީރިއަންސް‘ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޔޫއޭއީގެ ޑރ. ސުލައިމާން އަލް ހަބީބް މެޑިކަލް ގްރޫޕްގެ ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑޮކްޓަރެއް ކަމަށްވާ ޑރ. މުޙައްމަދު ފައުޒީ ކަޓްރަންޖީ ވިދާޅުވި ގޮތުގައި، އެއް ގަޑިއިރު ވަންދެން ޝީޝާ ބުއިމަކީ 40 ސިނގިރޭޓު ބުއިމާ އެއްފަދަ ކަމެކެވެ. އަދި ޝީޝާ ބޯ ގިނަ މީހުން އެ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ބައެއްގެ ގޮތުގައި އަމިއްލައަށް ގަބޫލުނުކުރާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ބަލިމީހުންނާ ދުންފަތުގެ އިސްތިއުމާލު ކުރުމާ ބެހޭގޮތުން ވާހަކަދައްކާއިރު ޑޮކްޓަރުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީވެސް އެއީ ކަމަށެވެ.
”އަޅުގަނޑުމެން ބަލިމީހާގެ މައުލޫމާތު ސާފުކުރާއިރު، ’ދުންފަތުގެ އިސްތިއުމާލު ކުރަންތޯ؟‘ އަހައިފިނަމަ، އެ މީހުން ބުނާނެ، ’ނޫން، އަޅުގަނޑު ދުމެއް ނުބޮމޭ, ދެން އިތުރަށް ސުވާލުކުރުމުން އެ މީހުން ބުނަނީ ހަފްތާއަކު އެއްފަހަރު ނުވަތަ ދެ ފަހަރު ޝީޝާ ބޯ ކަމަށާއި ބައެއް ފަހަރު އެއް ދުވަހެއްގައި ދެ ފަހަރު ވެސް ބޯ ކަމަށް,“ ޑރ. ކަޓްރަންޖީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުން ފެނުގެ ތެރެއިން ދަތުރުކުރާތީ ޝީޝާއަކީ ރައްކާތެރި އެއްޗެއް ކަމަށް ދެކޭ ދެކުމަކީ އެއްވެސް ސައިންޓިފިކް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ. ޝީޝާ، ހޫކާ ފަދަ އެއްޗެހި ބޭނުންކުރާ މީހުންނަށް ވެސް، ދުންފަތް އެންދުމުން ލިބޭ ގެއްލުންތައް ކަމަށްވާ ޓާ، ކާބަން މޮނޮކްސައިޑް އަދި އެހެނިހެން ގެއްލުންހުރި މާއްދާތަކުގެ ނުރައްކާ ހަމަ އެއްވަރަކަށް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ކަޓްރަންޖީ ވިދާޅުވި ގޮތުގައި، ސިގިރޭޓާއި ޝީޝާ އަދި ވޭޕް ކުރުމުން ދިގު މުއްދަތުގައި ލިބޭ ގެއްލުންތައް އަޅާކިޔުމަށް ސަރަހައްދީ ފެންވަރުގައި އިތުރު ދިރާސާތައް ބޭނުންވެ އެވެ.
ސައުދީ ޖާމަން ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ރެސްޕިރޭޓަރީ ފިޒީޝަން، ޑރ. ރޭޗަލް ކަމިންސްކީ ވިދާޅުވި ގޮތުގައި ބަލިމީހުން ބޭނުންކުރަނީ ކޮން އެއްޗާއި ބޭނުންކުރާ އަދަދާއި އެ ބޭނުންކުރަނީ ކޮންކަހަލަ މާހައުލެއްގައިތޯ ސިއްހީ ޓީމުތަކުން ބަލިމީހާއާ ސުވާލުކުރަންޖެހެ އެވެ. އޭގެ ތެރޭގައި ސިގިރޭޓާއި ޝީޝާ އަދި ވޭޕާއި އެހެނިހެން ނިކޮޓިން އެކުލެވޭ އުފެއްދުންތައް ބޭނުންކުރާ މިންވަރު އަހަންވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ޑރ. ކަމިންސްކީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާންމު އުސޫލުން ޝީޝާ އޯޑަރުކުރާ މީހުން ގާތްގަނޑަކަށް ދެ ގަޑިއިރާއި ހަތަރު ގަޑިއިރާ ދެމެދުގެ ވަގުތެއްގައި އެ ބޮއެވެ. އެ ހިސާބުން ބަލާއިރު، ޝީޝާއެއް ބުއިމަކީ ގާތްގަނޑަކަށް 200 ސިނގިރޭޓު ބުއިމާ އެއްވަރުގެ ކަމަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ކަމިންސްކީ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ކެއްސުމާއި ނޭވާލާއިރު އަޑުހުރުމާއި އަރިދަފުސް ރޯގާއި ނޭވާ ކުރުވުން ފަދަ އަލާމާތްތަކަކީ އާދައިގެ ކަންކަން ކަމުގައި ދެކޭ މީހުން ކަމަށެވެ. އަދި މި މައްސަލަތަކަކީ ޑޮކްޓަރީ އެހީތެރިކަން ބޭނުންވާކަމުގެ ނިޝާންތަކަކަށް ވުރެ ބޮޑަށް، ދުންބުއިމާ ގުޅިގެން އާންމުކޮށްވާ ދިމާވާ ކަންކަން ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.
”މީގެ ސަބަބުން ނޭވާލާން ދަތިވާ، އަދި މަޑުމަޑުން ބޮޑުވަމުންދާ ފުއްޕާމޭގެ ބައްޔެއް ކަމަށްވާ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ) ދެނެގަތުން ލަސްވެގެންދޭ. ފުއްޕާމޭގެ ތެރޭގައި ވައި ތާށިވެ، ހިނގާފައި ސިޑިން އެރުމާއި ވަޒީފާއަށް ދިއުމާއި ނުވަތަ ދަރިން ސްކޫލަށް ގެންދިއުން ފަދަ އާދައިގެ ކަންކަން ކުރުންވެސް މާބޮޑަށް އުނދަގޫ ކަމަކަށް ވެގެންދޭ،“ ޑރ. ކަމިންސްކީ ވިދާޅުވި އެވެ.


