މިފަހުން ރާއްޖެއަށް ކުރި ވިއްސާރައަށްފަހު ބިމު އަޑިން ފެންގަނޑު އަދިވެސް ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާ ދެމެދު ފެން ހަރުލާފައި ހުންނަ ކަމަށެވެ.
އެހެންވެ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައި, މައްޔިތުން ވަޅުލުން މާލޭ އާސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
ގަދަ ވިއްސާރާގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ, މީހުން ވަޅުލަން ދަތިވާ މައްސަލަ އަބަދުވެސް ބޮޑެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހުވެސް ބިމުގެ އަޑިން ފެންގަނޑު ނުހިނދިގެން އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލި އެވެ.
އެ މައްސަލަ ހައްލުކުރަން ހުޅުމާލެ ސަހަރާގައި ވޯޓާ ޑްރެއިނިން ސިސްޓަމެއް ގާއިމުކުރުމަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސިޓީ ކައުންސިލުން ނިންމި ނަމަވެސް, އެ މަސައްކަތް ފެށި ކަމެއް އަދި ނޭނގެ އެވެ. އެކަމުގެ އެއްވެސް މައުލޫމާތެއް ސިޓީ ކައުންސިލުން ފަހުން ހާމައެއް ނުކުރެ އެވެ.


