މަޖިލީހުގެ ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ނިންމުމުން ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله --

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސަރުކާރުގެ މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރިޔާސަތުން ނިންމައިފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މަޖިލީހުގެ ރައީސްއަށް 22,000 ރުފިޔާގެ އިތުރު އެލަވެންސެއް ދިނުމަށާއި މިނިސްޓަރުންނަށް ޑްރައިވާސް އެލަވެންސްގެ ގޮތުގައި ލިބޭ އަދަދު 17,000 ރުފިޔާއަށް ބޮޑުކުރަން ނިންމައިފަ އެވެ.

އެ ބަދަލާއެކު މަޖިލީހުގެ ރައީސްއަށް މުސާރައާއި އިނާޔަތްތަކާއެކު ކޮންމެ މަހަކު 95,000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އަދި މިނިސްޓަރުންނަށް މުސާރައާއި އިނާޔަތްތަކާއެކު ކޮންމެ މަހަކު 75,000 ރުފިޔާ ލިބޭނެ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭކަމުގެ ކަންބޮޑުވުން އޮއްވައި މަޖިލީހުގެ ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.

އަދި ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި, ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ދިވެހި ރައްޔިތުންނަށް ދަތިވާނޭހެން އެތައް ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށްފަހު, ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ދިވެހި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މައުރޫފުގެ މައްސަލައިގައި ބުނެފައިވެ އެވެ.

ނަމަވެސް މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން, ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ އެ މަޖިލީހުގައި ކުރިއަށް އޮތް ތަނުގައި ބަހުސްކުރަން ނުޖެހޭ ކަމަކަށް ވާންޖެހޭ ކަމަށެވެ.

މަޖިލިސް ރައީސް އެހެން ވިދާޅުވީ, މަޖިލީހުގެ ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނަމަވެސް, އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމުގެ ކުރިން އެކަމާބެހޭ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާނެތީ އެވެ.