އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ އެވޯޑްސްގައި އެލައިޑަށް ޝަރަފުވެރި ދެ އެވޯޑެއް

11 ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ (އައިއެފްއެފްއެސްއޭ) އެވޯޑްސްގައި އެލައިޑް އިންޝުއަރެންސް އޮފް ދަ މޯލްޑިވްސްއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެ އެވެ.

މި މަހުގެ 20 ވަނަ ދުވަހު ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައި ބޭއްވި އައިއެފްއެފްއެސްއޭގައި އެލައިޑަށް ލިބިފައިވަނީ އެ ކުންފުނީގެ އިސްލާމިކް ވިންޑޯ ކަމަށްވާ އެލައިޑް ތަކާފުލްއަށް ’އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ“ގެ އެވޯޑް އަދި ’ކަމަނަ ތަކާފުލް‘ އަށް ’އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔާ“ އެވޯޑެވެ.

’ބިލްޑިން ލެގަސީސް’ގެ ޝިއާރުގެ ދަށުން ޔޫޓީއޯ އެޑިއުކޮންސަލްޓުން އިންތިޒާމުކުރި މި ރަސްމިއްޔާތުގައި ދެކުނު އޭޝިއާ ސަރަހައްދުގެ ފައިނޭންސް އަދި އިސްލާމިކް ބޭންކިން ދާއިރާގެ ފަންނީ ބޭފުޅުންނާއި މާލީ އިދާރާތަކާއި މުހިންމު ހިއްސާދާރުން އެއްތަނަކަށް ޖަމާވެ, ދެކުނު އޭޝިއާގައި އިސްލާމިކް ބޭންކިން އަދި ފައިނޭންސް ދާއިރާއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބުތަކުގެ އަގުވަޒަންކޮށްފައިވެ އެވެ.

އެލައިޑުން ބުނީ, މި އެވޯޑްތަކަކީ ތަކާފުލް ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށްޓަކައި 2025 ވަނަ އަހަރު އެ ކުންފުނީގެ މެނޭޖްމަންޓުން އެޅި މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ. ހާއްސަ ގޮތެއްގައި އާންމު ކޮންވެންޝަނަލް ލައިފް އިންޝުއަރެންސް ޕްރޮޑަކްޓްތައް ވިއްކުން ހުއްޓާލައި ފުރާނައިގެ ރައްކާތެރިކަމުގެ ހައްލެއްގެ ގޮތުގައި ފެމިލީ ތަކާފުލް ތައާރަފުކުރަން ނިންމި ނިންމުން ފާހަގަކޮށްލެވޭ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން ބުނި ގޮތުގައި, އެލައިޑް ތަކާފުލް އަދި ކަމަނަ ތަކާފުލްގެ ޕްލޭންތަކަށް ލިބުނު މި އެވޯޑްތަކަކީ ތަކާފުލްގެ ހިދުމަތްތައް ފުޅާކުރުމަށާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އެލައިޑުން ދެމުންގެންދާ އަހައްމިއްޔަތުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

އެލައިޑުން ވަނީ, ތަކާފުލްއަށް ދޭ ސަމާލުކަން އިތުރުކުރުމުގެ ގޮތުން އަލަށް ގުޅޭ ކަސްޓަމަރުންނަށް އެލައިޑް އެޕް މަދުވެރިކޮށް, ކޮންވެންޝަނަލް އިންޝުއަރެންސްގެ ބައި ނުފެންނަ ގޮތަށް ހަދައި, ހަމައެކަނި ތަކާފުލްގެ އޮޕްޝަންސް ފެންނަ ގޮތަށްވެސް ހަދައިފަ އެވެ.

އެލައިޑުން ބުނީ, މި ފިޔަވަޅުތަކުގެ އިތުރުން ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ކަސްޓަމަރުންގެ ހޭލުންތެރިކަމާއި މުޖުތަމައުގެ ބައިވެރިކުރުމަށް ހިންގި ބޮޑެތި މާކެޓިން ހަރަކާތްތަކުގެ ސަބަބުން 2024 އަދި 2025 ގައި ތަކާފުލްގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.