ފޭސްބުކް މާކެޓް ޕްލޭސްގައި ޑިންގީއަކާއި އިންޖީނެއް ވިއްކާކަމަށް ބުނެ ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އެ ދެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ/ ހީނާގެ, އަލީ އައްފާން (32އ) އާއި އެ ރަށު ޕްލާޒާ/ މުހައްމަދު ހަމީދު (34އ) އަދި ނ. ވެލިދޫ/ ވީނަސް, ހައްސާން އަލީ (34އ) އެވެ.
ފުލުހުން ބުނީ, އެ ތިން މީހުންގެ ތެރެއިން ހައްސާނު ހައްޔަރުކޮށްފައިވަނީ 2 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ 25 އޮކްޓޫބަރު 2026 ވަނަ ދުވަހު ނ. ވެލިދޫންނެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ފުލުހުން ބުނީ, އައްފާނާއި ހަމީދު ހައްޔަރުކޮށްފައިވަނީ 7 އޮގަސްޓް 2026 ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ 24 އޮކްޓޫބަރު 2026 ވަނަ ދުވަހު ނ. ހޮޅުދޫންނެވެ. އަދި ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.


