ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހ. ރަބީއީމަންޒިލް، އަބްދުﷲ ޝާހިދު (64އ) މިރޭ 9:59 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.
ޝާހިދު ހައްޔަރުކޮށްފައި މިވަނީ އޭނާ ހައްޔަރުނުކުރަނީސް މީގެ ކުރިން ނޫސްތަކަކުން ރިޕޯޓުކުރުމުން، އެ ހަބަރުތައް އޭނާ ދޮގުކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ. އެކްސްގައި އޭރު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


