އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވެއްޖެ އެވެ.
މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން މިއަދު ނެގި ވޯޓުގައި ސައީދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ ޖަލްސާއަށް ވަޑައިގެންނެވި އެމްޑީޕީގެ 10 މެމްބަރުންނެވެ. އޭނާއާ އެއްކޮޅަށް ޕީއެންސީގެ މެމްބަރުންނާއި އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހިމެނޭހެން 54 މެމްބަރަކު ވޯޓު ދެއްވި އެވެ.
ސައީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން:
- އިކޮނޮކިމް މިނިސްޓަރުގެ މެއިންޑޭޓްގެ ތެރެއިން އިގުތިސޯދީ ރިފޯމްތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް އަމަލީގޮތުން މިއަދާ ހަމައަށް ތަންފީޒު ނުކުުރުމުގެ ސަބަބުން، ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް 21 ރުފިޔާއަށްވުރެ މައްޗަށް ދިއުން
- ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ނާޒުކުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭއްވި އެކި އިންވެސްޓާސް ފޯރަމްތަކަށާއި މަޝްރޫއުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްފައިވުން، އެގޮތުން ދުބާއީ އާއި އިންޑިއާ އާއި މެލޭޝިއާ އާއި ސިންގަޕޫރު އަދި އިނގިރޭސި ވިލާތުގައި ބޭއްވި މިފަދަ ހަރަކާތްތަކަށް ބޮޑެތި ހޭދަ ތަކެއް ކޮށްފައިވާ އިރު، އިންވެސްޓާ ފޯރަމްތަކާއި ރަސްމިއްޔާތުތަކުން ރާއްޖެއަށް ވަތް އެއްވެސް އިންވެސްޓްމެންޓެއްގެ ތަފްސީލް ހާމަކޮށްފައި ނުވާ އިރު، މި ކަންކަމަށް ހިނގި ހަރަދުތައް ހާމަކޮށްފައި ނުވުން
- އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގައި ފެއިލްވުން
- އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކާ


