މޯލްޑިވް ގޭހުން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް ގެނެސްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކައްކަން ބޭނުންކުރާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވް ގޭސް އިން ބުނެފި އެވެ.

މޯލްޑިވް ގޭހުން ބުނީ، މި ބަދަލު ގެންނަން ނިންމީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅިގެން، ރައްޔިތުންނަށް ދޭ ގޭހުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.

ގޭސް އަޅައިދޭ މިންވަރަށް ގެންނައި ބަދަލު:

  • 10 ކިލޯގެ ގޭސް ފުޅިއަށް އަޅަމުންދިޔަ މިންވަރު 7 ކިލޯއަށް ބަދަލުކުރުން.
  • 22 ކިލޯގެ ގޭސް ފުޅިއަށް އަޅައިދޭ މިންވަރު 14 ކިލޯއަށް ބަދަލުކުރުން.
  • 45 ކިލޯގެ ގޭސް ފުޅިއަށް އަޅައިދޭ މިންވަރު 31 ކިލޯއަށް ބަދަލުކުރުން.

މޯލްޑިވް ގޭހުން ބުނީ، މި ބަދަލު ގެނައި ނަމަވެސް ގޭހުގެ އަގު ބޮޑެއް ނުވާނެ ކަމަށެވެ. އެގޮތުން މި ބަދަލާއެކުވެސް ފައިސާ ނަގާނީ ކުރިންވެސް އޮންނަ އުސޫލުން، ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުން ކަމަށް ބުންޏެވެ.

އަދި ގޭހަށް ދިމާވާ މިފަދަ ޝޯޓޭޖްތަކަށް ހައްލު ހޯދައި ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި އެސްޓީއޯއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މޯލްޑިވް ގޭހުން ބުނެ އެވެ.

އެގޮތުން މިހާރު ކުރަމުންގެންދާ މަސައްކަތް ނިމުމާއެކު އެއްފަހަރާ ތިން މަސް ދުވަހުގެ ގޭސް ރައްކާކުރެވި އެކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށްވެސް މޯލްޑިވް ގޭހުން ބުންޏެވެ.