މަހުދީގެ ހަނދާނަށް އިޓަލީން ދޭ ހިތްވަރު ގަދަކަމުގެ އެންމެ މަތީ ޝަރަފު އޭނާގެ އާއިލާއާ ހަވާލުކޮށްފި

މަހުދީގެ އާއިލާއަށް "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އެރުވުން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ވ. އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް ވަދެ އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިންގި އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހިދުމަތް ފާހަގަކޮށް, އިޓަލީން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އޭނާގެ އާއިލާއާ ހަވާލުކޮށްފި އެވެ.

އިޓަލީގެ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު ”ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ“ ދިނުމުގެ ގޮތުން އެކަމުގެ ލިޔުން އާއިލާއާ ހަވާލުކުރީ ރާއްޖެ އާއި އިޓަލީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާއި އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފުލާގައެވެ.

މަހުދީގެ އާއިލާއާ އެ ލިޔުން ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް އިޓަލީން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އެވެ.

މަހުދީގެ ހަނދާނަށް އެ ޝަރަފު ދިނުމުގެ އިތުރުން ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސުލްގެ އޮފީސް ގުޅިގެން ވަނީ މަހުދީގެ އާއިލާއަށް އެހީތެރިވުމަށް ފަންޑު ހޯދުމުގެ ހާއްސަ ހަރަކާތެއްވެސް ވަނީ ފަށައިފަ އެވެ.

މަހުދީ މެމޯރިއަލް ފަންޑުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެ އެކައުންޓަށް ފައިސާ ޖަމާކުރެވޭއިރު ފަންޑްރެއިޒް ކުރުމުގެ ހަރަކާތް މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އަދި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް މަހުދީގެ ޝަރުއީ ވާރިސުންނާ ހަވާލުކުރާނެ ކަމަށް އެމްބަސީން ބުނެ އެވެ.

މަހުދީ ނިޔާވީ މިދިޔަ މޭ މަހު ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންނާއި އެ މީހުން ގޮވައިގެން ދިޔަ ސަފާރީގައި އުޅޭ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ޑީކޯ ވެގެން މާލެ ގެނެސް, އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 16 މޭ 2026 ގައެވެ.

އޭނާ މަރުވުމުން ސަރުކާރުން ވަނީ މަހުދީ މަރުވި ގޮތް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ފަހުން އެ ތަހުގީގުގައި ހޯދުނު އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.