މާލޭގެ ތޮއްޖެހުން ކުޑަކޮށް, މާލެއަކީ ދިރިއުޅެން ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ބޭނުމުގައި ހިންގި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ 48 ބިމެއް ވިއްކާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ވެށިފަހި މާލެ ޕްރޮގްރާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި, މާލޭގެ ކުދި ބިންތައް ދައުލަތަށް ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ބިމާއި ފްލެޓް ދޫކުރުމަށް ފެށި ޕްރޮގްރާމެކެވެ. އެ މަޝްރޫއުގެ ދަށުން ދައުލަތަށް މާލެއިން ލިބުނު ބައެއް ބިންތަކުގައި ޕާކިން ޒޯންތައް ހެދި ނަމަވެސް ފަހުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ވިއްކާލަން ނިންމާފައިވާ 48 ބިމުގެ ތެރޭގައި ހިމެނެނީ މާފަންނުގެ 21 ބިމަކާއި މައްޗަންގޯޅީގެ 10 ބިމަކާއި ހެންވޭރުގެ 9 ބިމަކާއި ގަލޮޅުގެ ހަތް ބިމުގެ އިތުރުން ވިލިމާލެއިން ބިމެކެވެ.
ހައުސިން މިނިސްޓްރީން ބުނީ, އަންނަ އާދީއްތަ ދުވަހު ހުޅުވާލާ ފުރުސަތުގެ ދަށުން އެ ބިންތައް ގަތުމުގެ ފުރުސަތު ދޭނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ކަމަށެވެ. ބިން ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 2,000 ރުފިޔާގެ މަގުން ކަމަށްވެސް ބުންޏެވެ.
އެ ގޯތިތައް ގަންނަން ބޭނުންވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވަނީ 8 ޑިސެމްބަރު 2026ގެ މެންދުރުފަހު 2:00 އެވެ.


