ދައުލަތުގެ މުވައްޒަފުންގެ ޖުމުލަ އަދަދުތައް ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާތީ, މުވައްޒަފުންގެ އަދަދުތައް އިތުރުކުރެވޭ މިންވަރު ކޮންޓްރޯލް ކުރުން މުހިންމު ކަމަށް އޮޑިޓަރު ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.
ނިޔާޒީ އެހެން ވިދާޅުވީ, ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އޮޑިޓަރު ޖެނެރަލްގެ ފަންނީ ލަފަޔަކަށް ރައްޔިތުންގެ މަޖިލީހުން އެދުމުން ހުށަހެޅި ފަންނީ ލަފާގަ އެވެ.
ނިޔާޒީ ސޮއިކުރައްވައި މިއަދު ނެރުނު އެ ފަންނީ ލަފާގެ ވިދާޅުވެފައިވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްގެ ހަރަދު ފާއިތުވެދިޔަ އަހަރުތަކުގައި ބާރުމިނުގައި އިތުރުވެފައިވާއިރު, ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން 2027 ވަނަ އަހަރު މިބައިގެ ހަރަދުތަކަށް 14 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާ ކަމަށެވެ.
އަދި ދައުލަތުގެ މުވައްޒަފުންގެ ޖުމުލަ އަދަދުތައްވެސް ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ނިޔާޒީ ވިދާޅުވީ, ޕެންޝަން ހަރަދުގެ ގޮތުގައި 2027 ވަނަ އަހަރުގެ ތެރޭގައި 2.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު, މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބޭރުން ދައުލަތުގެ އެކިއެކި އިދާރާތަކުން ތައާރަފުކޮށްފައިވާ ސްކީމްތަކުގެ ސަބަބުން ޕެންޝަން ނިޒާމު ހަމަހަމަކަން ކުޑަވެ އަދި ދައުލަތުގެ ހަރަދުތައް އިތުރުވާ ކަމަށެވެ.
އަދި 65 އަހަރުން މަތީގެ ފަރާތްތަކަށް ދެވޭ އިނާޔަތް, އެއީ ފޯރުންތެރިކަން ވަޒަންކޮށްގެން ދެވޭ އިނާޔަތަކަށް ނުހެދިއްޖެނަމަ ޕެންޝަންގެ ހަރަދުތައް ދިގު މުއްދަތުގައި އިތުރުވެގެންދާނެ ކަމަށް ބެލެވޭ ގޮތުގެ އަންދާޒާތައް 2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓު ފޮތުގައި ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނިޔާޒީ ވިދާޅުވީ, އެ އަންދާޒާތަކަށް ބަލާއިރު 2042 ވަނަ އަހަރުގެ ތެރޭގައި އެ ހަރަދު ހަތަރު ބިލިއަން ރުފިޔާ ފަހަނައަޅާދާނެ ކަމަށާއި 2055 ވަނަ އަހަރުގައި އެ ހަރަދު 7.9 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން ޕެންޝަންގެ ހަރަދު ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށް, އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަން ތަންފީޒުކުރުމުގެ މުހިންމުކަން ނިޔާޒީ ފާހަގަކުރެއްވި އެވެ.


