‎އިލެކްޝަން ކޮމިޝަންގެ ލޯގޯ ބަދަލުކޮށް، ކުލައަކަށް ދަނބު!

އިލެކްޝަން ކޮމިޝަންގެ ލޯގޯ ބަދަލުކޮށް، ކުލައަކަށް ދަނބު ކުލަ ހަމަޖައްސައިފިއެވެ.

އެކަން އިއުލާންކޮށް، އިލެކްޝަން ކޮމިޝަންގެ ލޯގޯ އާއި ކުލަ އިފްތިތާހްކޮށްދެއްވީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ރާއްޖޭގެ އެކި ޕާޓީތަކުގެ އިސްވެރިންނެވެ.

އީސީން ކުރިން ބޭނުން ކުރަމުންއައީ ވިލު ނޫ ކުލައެވެ. އަދި ބޭނުންކުރި ލޯގޯގެ ކުލައަކީ ފެހި ކުލަ އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު އިފްތިތާހްކުރި އެ ކޮމިޝަންގެ ލޯގޯގައި ފެންނަނީ ހުދު ރޮގުތަކަކުން ފަރުމާކޮށްފައިވާ ވޯޓު ފޮއްޓެކެވެ.

ލޯގޯއާ ގުޅޭގޮތުން ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވީ ލޯގޯގައ ފެންނަ ރޮނގުތައް އަތުރާލާފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ރަމްޒުވާގޮތަށް ކަމަށެވެ. އަދި ލޯގޯގައި މަތީގައި ދިގަށް ފެންނަން ހުންނަ ތިން ރޮނގު ދައްކުވައިދެނީ ދައުލަތުގެ ތިންބާރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ރަސްމީ ކުލައަކަށް ދަނބު ކުލަ ހަމަޖެއްސުމުން، އެ ކުލަ އެއްވެސް ސިޔާސީ ޕާޓީއަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

ޝަރީފް ވެސް ވިދާޅުވިގޮތުގައި އެހެން ޕާޓީއަކުން ދަނބު ކުލަ އެ ޕާޓީގެ ކުލަޔަށް ހަމަޖެއްސުމަށް މީގެ ކުރިން އިލެކްޝަނާ މަޝްވަރާކުރި ކަމަށާއި ނަމަވެސް އިލްކެޝަންގެ ރަސްމީ ކުލައަށް ބަދަލު ކުރުމަށް ނިންމާފައިވުމުން އެ ޕާޓީއަށް އެ ކުލަ ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.

4000 ފޯމާއެކު ޕީއެންސީ ރަޖިސްޓްރީ ކުރަން ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާ އާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރަން 4000 މެންބަރުންގެ ފޯމާއެކު އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

ޕީއެންސީ އުފައްދަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅީ ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ. އަދި އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި

އެގޮތުން އަދުރޭ އާއި ކުރީގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޕީޕީއެމްގެ މަޖިލިސް މެންބަރުން ވަނީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މެންބަރުންގެ ފޯމުތައް މިއަދު އީސީއާ ހަވާލުކޮށްފައެވެ.

ރައީސް ޔާމީން އުފައްދަވާ ޕީއެންސީއަކީ، ޕީޕީއެމްގެ ބާރުތައް ހަވާލު ކުރާ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމާ ގުޅިގެން އެ މައްސަލަ ނިމޭނެ ގޮތެއް ނޭނގޭތީ ޕީޕީއެމްގެ މިހާރުގެ ލީޑާޝިފުން އުފައްދަން ނިންމި ޕާޓީއެކެވެ.

އެގޮތުން ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބައެއް މެންބަރުން ގެންދަވަނީ އެޕާޓީން ވަކިވެ ޕީއެންސީއާ ގުޅިވަޑައިގަންނަވަމުންނެވެ. އެގޮތުން ރައީސް ޔާމީން ސަރުކާރުގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއްޔެ ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.

ކޮމިޝަންގެ ހުރިހާ މެމްބަރުންނަކީ ހުވަޔާ އެއްގޮތަށް އަމަލު ކުރައްވާ ބޭފުޅުން: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މެމްބަރުންނަކީ ހުވަޔާ އެއްގޮތަށް އަމަލު ކުރައްވާ އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅުންތަކެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސްގެ ރައީސް އަހްމަދު ޝަރީފަށް ނިސްބަތްކޮށް ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދިނުމަށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ޒިންމާގެ ތެރެއަށް ސިޔާސީ ޕާޓީއެއްގެ ކުލަ ވަދެފައި ނުވާނެ ކަމަށާއި ކޮމިޝަނުގެ މުސްތަގިއްލުކަން ގެއްލޭ ގޮތަށް ސަރުކާރުގެ އެއްވެސް މުއައްސަސާއަކާ ގުޅިގެން ކަންތައްކޮށްފައި ނުވާނެ ކަމަށެވެ.

އިލެކްޝަންސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރީރެޖިސްޓްރޭޝަންގެ މަސައްކަތްވެސް މީގެ ކުރީގެ އަހަރުތަކާ ހިލާފަށް ކޮށްފައި ނުވާނެ ކަމަށާއި މީގެ ކުރިންވެސް ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސްގެ އޮފީސްތަކުން އެ މަސައްކަތަށް އެހީތެރިކަން ހޯދާފައިވާނެ ކަމަށެވެ. އަދި ރީރެޖިސްޓްރޭޝަންގެ މައުލޫމާތުތަކެއް ލީކުވި ވާހަކަ އެއްވެސް އިރެއްގައި ކޮމިޝަނުގެ ރައީސް ވިދާޅުވެފައި ނުވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

“ރިސޯޓުތަކުގައި ވަކި އަދަދަކަށް މީހުން ހަމަވުމުން ވޯޓުލާ ގޮތަށް ހަމަޖެއްސީ ވޭތުވެދިޔަ އިންތިހާބުގެ ހަރަދާއި، ތަޖުރިބާއާއި އެކަންކަމުގައި އެ ކޮމިޝަނުން ތަހައްމަލު ކުރަން ޖެހުނު ކަންތައްތަކަށް ބަލައިފައެވެ. އަދި ރިސޯޓުތަކުގެ މެނޭޖުމެންޓުގެ ޔަގީންކަން ލިބުމުން ކުރީގެ އަދަދު ބަދަލުކުރީވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ދިނުމުގެ ގޮތުންނެވެ..،” އިލެކްޝަންސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސްއިން ބުނީ ސައުތު އެފްރިކާގެ ލެކްސްޓަން ގްރޫޕުގެ ބަޔަކު ރާއްޖެ އައީ ސިއްރުން ނޫން ކަމަށާއި އެމީހުން ރާއްޖެ އައުމުގެ ކުރިން އެކަމާ ބެހޭ މައުލޫމާތު އެންމެހާ ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މައުލޫމާތު ސެޝަންތަކަށް ސިޔާސީ ތިން ޕާޓީއަކުން ހާޒިރު ނުވުމަކީ އެ ކޮމިޝަނުން ކުރި ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

“އިލެކްޝަންސް ކޮމިޝަނުގެ ކަންކަން ނިންމަނީ އެ ކޮމިޝަނުގެ ރައީސެއް ނޫނެވެ. ކޮމިޝަނުން ކަންކަން ނިންމަނީ ކޮމިޝަނުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނުވަތަ މެމްބަރުންގެ އިއްތިފާގުންނެވެ. ވަކި ބަޔަކު ބުނާ ގޮތަކަށް ނުވަތަ ޕްރެޝަރު ކުރާ ގޮތަކަށް ނޫނެވެ..،” އިލެކްޝަންސްއިން ބުންޏެވެ.

އިލެކްޝަންސްއިން އިތުރަށް ބުނީ ހުރިހާ ސިޔާސީ ޕާޓީތަކަށާއި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަށްޓަކައި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކާއި ބައްދަލުކޮށް އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމް ކުރެވިފައިވާއިރު ޝަރީފަށް ނިސްބަތްކޮށް ލިޔުނު ލިޔުމުގައި ބުނެފައިވާ ފަދަ އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާ ކަމަށެވެ.

ޓެބްލެޓް ބޭނުންކުރާނީ ވޯޓު ގުނާކަށް ނޫން: އިލެކްޝަންސް

އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މިއަހަރުގެ އިންތިހާބުގައި ވެސް ވޯޓު ގުނައި ނިމުމުން ނަތީޖާ ޝީޓުތައް ވޯޓުލާ މަރުކަޒުތަކުގައި އެންމެންނަށް ފެންނާނެހެން ހަރުކުރާނެ ކަމަށާއި ޓެބްލެޓް ބޭނުންކުރާނީ ވޯޓު ގުނަން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ މެންބަރު އަހްމަދު އަކްރަމް އެހެން ވިދާޅުވެފައިވަނީ ޓެބްލެޓަށް ނަތީޖާ އެންޓާކުރުމުން އީސީއިން ނަތީޖާ އެޕްރޫވް ނުކުރަނީސް ނަތީޖާ ޝީޓް ޕްރިންޓް ނުކުރެވޭނެ ކަމަށާއި ކުރިން އޮންނަ އުސޫލުން ޝީޓުގައި އަތުން ލިޔެފައި ވޯޓު ގުނާ މަރުކަޒުތަކުގައި ނަތީޖާ ޝީޓު ތަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ޓުވީޓެއް ކުރެއްވުމުންނެވެ.

އަކްރަމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ގުނަން ޓެބްލެޓް ބޭނުން ނުކުރާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއް ހިނގާނީ އެހެން އިންތިހާބުތަކެކޭ އެއްގޮތަށް، ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ކަމަށެވެ. އަދި ޓެބްލެޓް ބޭނުންކުރަނީ ވޯޓު މަރުކަޒުތަކުގެ އިދާރީ މަސައްކަތްތަކުގައި އެކަނި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ މިހާރުވެސް ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަަދު ސޯލިހު (އިބޫ) އެވެ.

ވޯޓު ކަރުދާސް ނަކަލު ނުކުރުމަށް އިލެކްޝަނުން އަންގައިފި

އިލެކްޝަންސް ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ވޯޓު ކަރުދާސް ނަކަލު ނުކުރުމަށް އެ ކޮމިޝަނުން އަންގައިފިއެވެ.

އިލެކްޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބާ ގުޅިގެން އެ ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ތައްޔާރުކޮށްގެން ސޯޝަލް މީޑިއާގައި ބޭނުންކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އެފަދަ ކަންކަމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާ ކަންތައްތައް ކަން ވެސް އިލެކްޝަނުން ފާހަގަކޮށްފައިވެއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުގައި އިލެކްޝަންސްގެ ހުއްދަނެތި ވޯޓު ކަރުދާސް އުފެއްދުން ނުވަތަ ވޯޓު ކަރުދާހުގެ ގޮތުގައި އިންތިހާބުގައި ބޭނުންކުރެވިދާނެ އެއްޗެއް އުފެއްދުން ނުވަތަ އިންތިހާބުގައި ވޯޓު ކަރުދާސް ހުންނާނެ ގޮތަކާމެދު އިލެކްޝަންސް ކޮމިޝަން ފިޔަވައި އެއްވެސް ފަރާތަކުން އިިއުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރުމަކީ ގާނޫނީ ކުށެކެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ މިހާރު ވެސް ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރި ހިސާބުން، ވަކި ކެންޑިޑޭޓަކާ ދިމާލުގައި ފާހަގަ ޖެހުމަށް އެދި، ބައެއް ފަރާތްތަކުން ދަނީ ވޯޓު ކަރުދާސް ނަކަލުކޮށް، އާންމު ކުރަމުންނެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ އިލެކްޝަނުން ބަލައިގެންފި

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކެންޑިޑެސީ ފޯމު، އެ ކޮމިޝަނުން ބަލައިގެންފިއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގެންފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ މިއަދު އެ ކޮމިޝަނުން ކުރި ޓުވީޓެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސް ޔާމީންގެ ފޯމު ގަބޫލުކޮށްފައިވާކަން ލިޔުމުން މިހާރު އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ. ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ އިއްޔެއެވެ. ރައީސް ޔާމީންގެ ފަރާތުން އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފްއާ ފޯމު ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރެވެ.

ރައީސް ޔާމީންގެ އިތުރުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެންޑިޑެސީ ވެސް އީސީން ވަނީ ބަލައިގެންފައެވެ. އަމިއްލަގޮތުން ވާދަކުރެއްވުމަށް ހުސައިން ނަސީރު ފޯމު ހުށަހެޅުއްވި ނަމަވެސް އީސީން ވަނީ އެ ފޯމު ބާތިލްކޮށްފައެވެ. އެ މައްސަލަ އަންނަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ހުސައިން ނަސީރު މިހާރު ވަނީ ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ހުސެއިން ނަސީރުގެ ފޯމް ބާތިލުކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ހުށަހަޅާ 1500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. އަދި އޭނާގެ ރަނިންމޭޓް ޝެއިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަތަކެއް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.

އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް އިއުލާނުކުރި ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމައިފައެވެ.

ހުސައިން ނަސީރުގެ ފޯމް ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި ހުސައިން ނަސީރުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ހުސެއިން ނަސީރުގެ ފޯމް ބާތިލުކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ހުށަހަޅާ 1500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. އަދި އޭނާގެ ރަނިންމޭޓް ޝެއިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަތަކެއް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި ހުސައިން ނަސީރުގެ ރަނިންމޭޓު ޝެއިޚު ނަސްރުﷲ ވިދާޅުވީ ހުށަހެޅި ނަންތަކުގެ ތެރެއިން މައްސަލަ އުޅޭ ނަންތައް ފާހަގަކޮށް އެންގި ނަމަ އަލުން ހުށަހެޅުމަށް ފަސޭހަވާނެ ކަމަށާއި އޭގެ ބަދަލުގައި އިލެކްޝަނުން އެންގީ މުޅި ފޯމް ސެޓް އަލުން އެއްކޮށް މިއަދު 4:00ގެ ކުރިން ހުށަހެޅުމަށް ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ނަސްރުﷲ ވިދާޅުވިއެވެ.

ހުސައިން ނަސީރުގެ ކެމްޕޭން އެޖެންޓް އަމްޖަދު ހުސައިން ވިދާޅުވީ އިލެކްޝަނުން އެއްބާރުލުމެއް ނުދޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށާއި ޑިޕޮސިޓްކުރި އެއްލައްކަ ރުފިޔާ ވެސް ނުދޭނަމޭ ވެސް ބުނެފައިވާ ކަމަށެވެ.

“ވާހަކައަކީ ނުލިބޭނެއޭ ފައިސާއެއް ވެސް. މިކަހަލަ ކަންތައްތަކެއް ހުރީތީވެ މި ކަންތައްތަކާ ގުޅިގެން އަޅުގަނޑުމެންގެ ލީގަލް ޓީމުން އަދި ކެނޑިޑޭޓު ވެސް ނިންމާފައިވަނީ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމަށް،” އަމްޖަދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު 4:00އަށް ހަމަވެފައިވާ އިރު، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާއި ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެނޑިޑެސީ ފޯމު އީސީން ވަނީ ބަލައިގެންފައެވެ.

އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް އިއުލާނުކުރި ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމައިފައެވެ.

ރީ ރަޖިސްޓްރޭޝަން ފޯމުތައް ބަލައިގަތުމުގެ ވަގުތު އިތުރުކޮށްފި

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ ރަޖިސްޓަރީ ވުމަށް ފޯމު ބަލައިގަންނަ ވަގުތު އިތުރުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންސްގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ފޯމްތައް ބަލައިގަންނަ ވަގުތު އިތުރުކުރީ ފޯމްތައް މާގިނައިން އެއްފަހަރާ ލިބެމުންދާތީ ކަމަށެވެ.

އަކްރަމް ވިދާޅުވީ މިހާތަނަށް 72،000 ފޯމް ރީ ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށާއި އިތުރު ފޯމްތައް ބަލްކުކޮށް ލިބެމުންދާތީ ފޯމް ބަލައިގަންނަ ވަގުތު މިރޭ 9:00 އަށް އަދި މާދަމޭ ރޭ 12:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އީސީއަށް ހުށަހެޅި ފޯމުތައް އެންޓާކުރުމަށްފަހު، ފިންގާ ޕްރިންޓް ސައްހަކަން ކަށަވަރުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި ފިންގާ ޕްރިންޓުގެ މައްސަލައެއް އުޅޭ ފޯމުތައް ބާތިލުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރަޖިސްޓަރީ ނުވާ ޕާޓީއާއި ނަންނަމުގައި ސިޔާސީ ހަރަކާތެއް ނުހިންގޭނެ: އީސީ

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ނުވަތަ އެފަދަ ނަމެއް ބޭނުންކޮށްގެން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ހަރަކާތްތައް ނުބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އީސީ އިން އެގޮތަށް ބުނެފައިމިވަނީ، މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގައި ހަރަކާތްތަކެއް ފަށާފައިވަނިކޮށެވެ.

މައުމޫން އިސްވެ ހުންނަވައި އުފެއްދި ޕީޕީއެމްގެ ކުލައިގެ ގޮތުގައި ވެސް ބޭނުންކުރަމުންދާ ފިޔާތޮށި ކުލައިގެ ދިދަތަކެއްގައި “އެމްއާރުއެމް” ޖަހައިގެން މައުމޫނަށް ތާއީދު ކުރާ ބަޔަކު އެންމެ ފުރަތަމަ ފެނިގެންދިޔައީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެނޑިޑެސީ ފޯމް އީސީއަށް ހުށަހެޅުއްވުމަށް ދިޔަ ދުވަހުއެވެ.

އީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ ޕާޓީތަކުންނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ހިންގާ ސިޔާސީ ހަރަކާތްތައް، ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން އެދޭ ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ކޮށްގެން ނުވާނެ ތިން ކަމެއް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ފަދައިން، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތައް ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުން ހިންގާ ތާއީދު ހޯދުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ބުނެފައިވެއެވެ.

އަދި ސިޔާސީ ޕާޓީތަކުން، އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ހަރަކާތްތަކުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިނުވާ ނަންތަކެއް ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާކަން ފާހަގަކޮށް، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިނުވާ ޕާޓީއެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން ރަޖިސްޓަރީ ކުރެވިފައިނުވާ ނަމެއް ބޭނުން ކޮށްގެން ތާއީދު ހޯދުމުގެ ހަރަކާތްތައް ނުބޭއްވުމަށް ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާން، ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީގެ ހުއްދަ ނެތި ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.

އީސީގެ ބަޔާން ނިންމާލަމުން ބުނީ، ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކަށް އަބަދުވެސް އެ ކޮމިޝަނުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

ރި-ރެޖިޓްރޭޝަން ފޯމުތަކުގެ ސައްހަކަން ކަށަވަރު ކޮށްދޭން ފުލުހުންގައި އެދިއްޖެ

އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރީ ރެޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތަކުގައި ޖަހާ ފިންގަ ޕްރިންޓްތައް ސައްހަތޯ ބަލައިދޭން އިލެކްޝަން ކޮމިޝަން (އީސީ)ގެ ފަރާތުން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

ދެހާސް ތޭރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ހުށަހެޅި ރީ ރެޖިސްޓްރޭޝަން ފޯމްތަކުގެ ސަހައްކަން ވެސް ބަލާފައިވަނީ ފުލުުހުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ 2013 ވަނަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރީ ރެޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ވާ ފިންގަޕްރިންޓް ސައްހަތޯ ކަށަވަރު ކޮށްދިނުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ.

ރި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ކުރިއަށްދާއިރު، އެކަމުގެ ސުންގަޑިއަކީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި މިހާތަނަށް ޖުމްލަ 17900 ފޯމު ރި ރެޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް އީސީން ބުނެއެވެ.