ބުރިޖް މަތީގައި ކައިވެނިކުރަން ބޭނުންވާ މީހުންނަށް އަންނަ ހަފްތާގައި ފޯމް ދޫކުރަން ފަށަނީ

ބްރިޖު މަތީގައި އަލަތު ކައިވެނިކުރަން ބޭނުންވާ މީހުންނަށް އަންނަ ހަފްތާއިން ފެށިގެން ފޯމް ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު، ސިނަމާލެ ބްރިޖު ނިމުމުން އެތަނުގައި ކައިވެނިކުރަން ނުވަތަ ކައިވެނި ޕާޓީ ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް ވެވަޑައިގަތް އެ ވައުދަށް އިޝާރާތް ކުރައްވައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖު މަތީގައި އަލަތު ކައިވެނިކުރަން ބޭނުންވާ ފަރާޓްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލައި، ހައުސިން މިނިސްޓްރީގެ ކައުންޓަރުން ފޯމް ދޫކުރާނެ ކަމަށެވެ.

އަދި ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ބްރިޖު މިދިޔަ މަހުގެ 26 އަށް ނިންމާނެ ކަމަށް އެ މަސައްކަތްކުރާ ކުންފުނިން ބުނި ނަމަވެސް، ބްރިޖު މިހާރު ހުޅުވުމަށް މަސައްކަތް ކުރަމުންދަނީ އަންނަ ސެޕްޓެމްބަރު 25 އަށެވެ. ބްރިޖުގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މިހާރު ކުރަމުންދަނީ ބްރިޖު މަތީގައި ތާރު އެޅުމާއި ލައިޓް ހަރުކުރުން ފަދަ މަސައްކަތްތަކެވެ.

އެ މަސައްކަތާއެކު ބްރިޖާ ގުޅިގެން ހަދާ މަގުތައްވެސް ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ބްރިޖްގެ ދަތުރުތަކަށް ނުވަ ބަސް ގެނެސްފި

ހުޅުލެ އާއި މާލެ ގުޅުވައިދޭ ބްރިޖް، ސިނަމާލެ ބްރިޖްގައި ދުއްވާ ބަސްތަކުގެ ފުރަތަމަ ޝިޕްމެންޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލެ ގެނެސްފި އެވެ.

އަންނަ މަހުގެ ފަހުކޮޅު ހުޅުވަން ތައްޔާރުވަމުންދާ ބްރިޖުގައި ބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްޕީއެލް އިން ގެނައި ފުރަތަމަ ގެނެސްފައިވަނީ ނުވަ ބަހެވެ. އެއީ 40-45  މީހުންގެ ޖާގައިގެ  ކައުޗް ބަސްތަކަކާއި ސިޓީ ބަހެކެވެ.

އަދި އަންނަ މަސް ނިމުމުގެ ކުރިން އިތުރު ހަތް ބަސް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިތުރު ހަ ބަސް ގެންނާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ. އެމްޕީއެލް އިން ގެންނަ ބަސްތަކުގެ ތެރޭގައި ހިމެނެނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ވަނީ ނިންމައިފައެވެ.

އެ ކުންފުނިން މިހާރު ދަނީ ބަހުގެ ހިދުމަތް ދޭން 45 ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބްރިޖްގެ ދަތުރުތަކަށް އެމްޕީއެލުން 100 މިލިއަން ރުފިޔާ އިންވެސްޓްކުރާއިރު އެ ކުންފުނިން ކުރިން ބުނެފައިވަނީ، ބްރިޖުގައި ދުއްވާ ބަސްތައް ކޮންމެ ދިހަ މިނެޓަކުން އެއް ފަހަރު ދަތުރެއް ކުރާނެ ކަމަށެވެ.