ޖުލައި 6, 2024

ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ އިސްވެރިން ޑޮކްޓަރ މުޢިއްޒުއާއި ބައްދަލު ކުރައްވައިފި

ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސައި ދިއާންވެއި އާއި އިސްވެރިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު ވަނީ އެ ކުންފުންޏާ ބެހޭ އާންމު ތަޢާރަފަކާއި، އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫޢުތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް، ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވުމަކީ އެމަނިކުފާނުވެސް އުއްމީދުކުރައްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.