އޮކްޓޯބަރ 6, 2024

ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކަކީ ނިމިދިޔަ ސަރުކާރުގެ ދަރަނިތަށް – ރައީސް

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާ ކުރެއްވި އިރު އެކި ފަރާތްތަކަށް ދައްކަންޖެހޭ ޖުމްލަ 9 ބިލިޔަން ރުފިޔާގެ ބިލް ހުރިކަމަށާއި ބޭރުގެ ފަރާތްތަކަށް އޮތް ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހުވަދޫ ސްކޫލްގައި ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިޤުތިޞާދު އޮތް ނުރަނގަޅު ހާލަތުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އެކިއެކި މަސައްކަތްތައް ކޮށްފައި ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ބިލްތަކެއް އެމަނިކުފާނު ސަރުކާރަށް ވާރުތަވެގެން އައިކަމަށެވެ.

އެގޮތުން ހަމައެކަނި ރާއްޖޭގެ ފަރާތްތަކަށް އެކަނި ޖުމްލަ 9 ބިލިޔަން ރުފިޔާ ދައްކަން ޖެހިފައިވާ އިރު ބޭރުގެ ފަރާތްތަކަށް އޮތް ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

”އެކިއެކި މަސައްކަތްތައް ކޮށްފައި ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ބިލްތަކެއް ސަރުކާރަށް ވާރުތަވެގެން ވަނީ އައިސްފައި. އެގޮތުން ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ޖުމްލަ 9 ބިލިޔަން ރުފިޔާގެ ބިލް ހުރި. ބޭރުގެ ފަރާތްތަކަށް އޮތް ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ރާއްޖެއަށް މިހާރު އިޤުތިޞާދީގޮތުން ކުރިމަތިވެފައިވާ ދަތިތަކަކީ މި ދަރަނިތަކާހުރެ ކުރިމަތިވެފައިވާ ދަތިތަކެއްކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މި ދަރަނިތައް އަދާކުރުމުގެ މަސައްކަތް ކުރަމުންދަނީ މީގެ ކުރިޔާ ޚިލާފަށް ފައިސާ ޗާޕު ކޮށްގެން ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.